ޑރ. މުހައްމަދު މުއިއްޒު

އެއްވެސް އިރަކު އިންޑިއާ ދުރެއް ނުކުރަން: ރައީސް

އިންޑިއާ ބާކީ ނުކުރާ ކަމަށާއި އެއީ އަބަދުވެސް ގާތް ރަހްމަތްތެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އެއްވެސް އިރަކު ބާކީ ނުކުރާ ކަމަށް ރައީސް މިއަދު ވިދާޅުވި ނަމަވެސް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ވަނީ ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

މާލެ ސިޓީ ކައުންސިލް އިދާރާގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް އިހްތިރާމު ކުރާ އެއްވެސް ގައުމަކާ ރާއްޖެ ދުރު ނުވާނެ ކަމަށެެވެ.

"މިއަދުވެސް ސަރުކާރުން ތަންފީޒު ކުރަމުން މިދަނީ އެ ސިޔާސަތު،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަަަށް ވެސް ފައިދާވާ ކަންކަމުގައި ދެ ގައުމު ގުޅިގެން ކުރިއަށްދާނެ ކަމަށެވެ. ދިވެހި ރައްޔިތުންގެ ކަންބޮޑުވުން ކުރިން އޮތީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުން ކަމަށާއި ދެ ގައުމުގެ އިސްވެރިން އެ މައްސަލައިގައި މަޝްވަރާކޮށް އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ރާއްޖެއަށް އަބަދުވެސް އިންޑިއާގެ ފަރާތުން ފައިދާވާ ކަމަށްވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކާޑުގެ ބާވަތްތަކުގެ ކޯޓާވެސް އިންޑިއާ އިން އެންމެ ރަނގަޅަށް ދީފައިވަނީ ރާއްޖެއަށް ކަމަށެވެ. އަދި ރާއްޖެއަށް އިގްތިސާދީ ދަތިތަކެއް ކުރިމަތިވެފައިވާތީ ދަރަނި ދެއްކުމުގައިވެސް ލުއި ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވާނީ ގައުމަށް ތަރައްގީއާއި ހަމަޖެހުން ލިބޭ ގޮތަށް ކަމަށެވެ. އަދި އެ ސިޔާސަތު ރައްޔިތުން ގަބޫލުކޮށްފައިވާތީ ހާރިޖީ ސިޔާސަތާ ދެކޮޅަށް ހަމަނުޖެހުން އުފައްދަން ފުރުސަތު ނުދޭނެ ކަމަށްވެސް ވިދާޅުވި އެެވެ.

"މި ގައުމުގެ ރައްކާތެރިކަމާއި މިނިވަންކަން ގެއްލޭ ގޮތަށް [ކަމެއް ކުރަން] ދިވެހި ރައްޔިތުން ފުރުސަތެއް ނުދެއްވާނެ،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ އަކީ އަބަދުވެސް ގާތް ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވިއިރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު މިވަގުތު ރަސްމީ ދަތުރުފުޅެއްގައި ހުންނެވީ ރާއްޖޭގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ ވަޒީރަކު ރާއްޖެއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.