އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި އަންނަ މަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓްކޮށްފި އެވެ.
އެ ގައުމުގެ ވިއޯން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖައިޝަންކަރުގެ މި ދަތުރަކީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 2-3 ދުވަހަށް ކުރައްވާ ދަތުރެކެވެ.
ޖައިޝަންކަރުގެ މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ ބައްދަލުކުރައްވާނެ ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
ޖައިޝަންކަރު އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓްކުރި ނަމަވެސް މި ދަތުރާ ގުޅޭ ގޮތުން ދެ ގައުމުގެ ސަރުކާރުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައިނުވެ އެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.