ހައިކޯޓް

މަރްޔަމް ރަޝީދާ: ހައިކޯޓުގައި އެންމެ ދުވަސްވީ މުވައްޒަފު

މަރްޔަމް ރަޝީދާއަކީ ދައުލަތަށް ހިދުމަތް ކުރުމުގައި ލާމަސީލު ނަމޫނާ އެކެވެ. ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާތާ 45 އަހަރުވީ އެވެ. ދިވެހި ދައުލަތުން މިއަހަރު ވަނީ އޭނާގެ ދިގު ހިދުމަތުގެ އަގުވަޒަން ކޮށްފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހއްމަދު މުއިއްޒުގެ އަތްޕުޅުން ޝަރަފުގެ ބެޖާއި އައްޑަނަ، މަރްޔަމް ރަޝީދާއަށް މިއަހަރު ވަނީ ދެއްވާފަ އެވެ.

މަރްޔަމް ރަޝީދާ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވީ ޝަރުއީ ދާއިރާގައެވެ.

އޭނާ ދައުލަތަށް ހިދުމަތް ކުރައްވާތާ 45 އަހަރުވީއިރު މީގެތެރެއިން 43 އަހަރު ހިދުމަތް ކުރެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގައެވެ.

ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓު އުފެއްދުމާ ހަމައަށް ރާއްޖޭގެ އެންމެ މަތީ ކޯޓަކީ ހައިކޯޓެވެ. ހައިކޯޓު އުފެއްދީސުރެ މަރްޔަމް ރަޝީދާ އެ ތަނުގައި އިދާރީ ގޮތުން ނުކުރައްވާ އެއްވެސް މަސައްކަތެއް ނެތޭ ބުނުން ގޯހަކަށް ނުވާނެ އެވެ.

ހައިކޯޓު އުފެއްދުމުގެ ކުރިން މރިޔަމް މަސައްކަތް ކުރެއްވީ ޓީބީ އާއި ފައިލޭރިޔާ ފަދަ ބަލިތަކާ ގުޅޭ މަސައްކަތްކުރަން އުފެއްދެވި ކޮންޓްރޯލް އޮފް ކޮމިއުނިކެބަލް ޑިޒީސަސް ޑިވިޝަން (ސީސީޑީޑީ)ގައި ޓައިޕިސްޓަކަށެވެ.

ގާތްގަނޑަކަށް ތިން އަހަރު ސީސީޑީޑީ ހިދުމަތް ކުރެއްވުމަށްފަހު ހައި ކޯޓަށް މަރްޔަމް ބަދަލުވީ އޭޕްރީލް 2، 1981 ގައެވެ.

ޝަރުއީ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައިކޯޓު އުފެއްދެވީ އޮކްޓޯބަރު 5، 1980 ގައެވެ. އެހެންކަމުން މަރްޔަމް ހައިކޯޓަށް ބަދަލުވެފައި އެވަނީ ހައިކޯޓު އުފެދުނުތާ ހަ މަސް ދުވަސް ވެސް ނުވަނީހެންނެވެ.

ހިދުމަތުގެ ސާފު ރެކޯޑެއް އޮތް މަރްޔަމް މިއަދުވެސް ހުންނެވީ ދިވެހި ދައުލަތުގެ ހިދުމަތުގައި ހައިކޯޓުގެ ވަޒީފާ ގައެވެ.

މަރްޔަމް ރަޝީދާ ކުރައްވާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރޭގައި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު، ބޭރުގެ ކުލީ ސިފައިންގެ ބަޔަކު ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލައާ ގުޅޭ ޝަރީއަތްތަކުގެ މަސައްކަތްތައް ހިމެނެ އެވެ. އެ މައްސަލައިގެ ތަހުގީގު ބަޔާންތައް މަރްޔަމް ރަޝީދާ ޓައިޕް ކުރެއްވިއިރު، އެ ހާދިސާއާ ގުޅިގެން ރައީސް އޮފީހުން ނެރުނު ފޮތްވެސް ޓައިޕް ކުރެއްވީ މަރްޔަމް ރަޝީދާ އެވެ.