މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ، އިޓަލީގެ ފިއޮރެންޓީނާއަށް ސޮއިކޮށްފި އެވެ.
މެންޗެސްޓާ ޔުނައިޓެޑްގައި 12 އަހަރު ހޭދަކުރުމަށްފަހު ޑެހެއާ އެ ކުލަބު ދޫކޮށްލާފައިވާއިރު، ފާއިތުވި އަހަރެއްހާ ދުވަހު އެއްވެސް ކުލަބަކަށް ނުގޮސް ހުރި ޑެހެއާ ފިއޮރެންޓީނާ އަށް ސޮއިކޮށްފައިވާ ކަމަށް އެ ކުލަބުންވެސް ބުނެ އެވެ.
ސްޕެއިންގެ ގައުމީ ޓީމުގައި އެއް ނަމްބަރު ގޯލު ކީޕަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ޑެހެއާ ވަނީ 545 މެޗު، މެންޗެސްޓާ ޔުނައިޓެޑަށް ކުޅެދީފަ އެވެ.
ޑެހެއާ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާފައިވަނީ އެ ކުލަބާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެ ކުލަބުން އިތުރު ކޮންޓްރެކްޓެއް ނުހެދުމުންނެވެ.
އަލުން އެނބުރި ޔުނައިޓެޑަށް ދިއުމަށް ފުރުސަތެއް ލިބޭނެ ކަމުގެ އުއްމީދުގައި އިތުރު އެހެން ކުލަބަކާއި ނުގުޅި ހުރި ޑެހެއާ އަކީ މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހުގައިވެސް އެ ކުލަބަށް އެންމެ ގިނަ މެޗު ކުޅެދިން ގޯލް ކީޕަރެވެ.
ޑެހެއާ ވަނީ އެ ކްލަބުގެ ކުޅުންތެރިންގެ ވޯޓުން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ސަޕޯޓަރުން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު ހޯދާފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑާ އެކު ހޭދަކުރި 12 އަހަރަށްފަހު އެ ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އިތުރު އެހެން ކުލަބަކާ ނުގުޅި ހުރި ޑެހެއާ މިދިޔަ އަހަރެއްހާ ދުވަހު ޕާސަނަލް ޓްރެއިނިން ކުރިއަށް ގެންގޮސްފައިވެ އެވެ. އެތްލެޓިކޯ މެޑްރިޑުން ޕްރޮފެޝަނަލް ކެރިއަރު ފެށި ޑެހެއާ ވަނީ މެންޗެސްޓާ ޔުނައިޓެޑާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ދެފަހަރެއްގެ މަތިން ލީގު ކަޕާއި ޔޫރޮޕާ ލީގުވެސް ހޯދާފަ އެވެ.