އާސަންދަ

ޕްރައިވެޓް ހޮސްޕިޓަލުތަކުގެ އަގު ބޮޑުކަމުން އާސަންދަ ޕެކޭޖުތަކެއް ހަދަނީ

ރާއްޖޭގައި ޕްރައިވެޓް ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގު ބޮޑު ކަމުން އެ ހޮސްޕިޓަލުތަކަށް އާސަންދަ ހިމެނޭހެން ޕެކޭޖުތަކެއް ހެދުމަށް މަޝްވަރާކުރަމުންދާ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިއާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ޒީނިއާ ވިދާޅުވީ ޕްރައިވެޓް ހޮސްޕިޓަލްތަކުން އަގުކުރަމުންދާ ބިލްތައް ބޮޑުވާތީ ފިނޭންސް މިނިސްޓްރީން އަބަދުވެސް ހަރަދު ކުޑަކުރަން ބާރުއަޅާ ކަމަށެވެ. އެކަން މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ޕެކޭޖް އަގުތައް ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ޒީނިއާ ވިދާޅުވީ ހޮސްޕިޓަލްތަކަށް އާސަންދަ ޕެކޭޖްތަކެއް ހެދުމުގެ ސަބަބުން އާސަންދައިން އެއްބަސްވާ އަގަކަށް ނޫނީ ޕްރައިވެޓް ހޮސްޕިޓަލްތަކަށް ހިދުމަތްތައް ފޯރުކޮށްނުދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ދީފާ ހުންނަ ޕްރޮސީޖާ ކޮސްޓަކީ އެހާ ބޮޑު އަގެއް ނޫން، އެކަމަކު ލައިން އައިޓަމުން ފައިނަލް ބިލް ބޮޑުވެގެން ދަނީ،" ޒީޏިއާ ވިދާޅުވިއެވެ.

ޒީނިއާ އިތުރަށް ވިދާޅުވީ ގިނަ މީހުން ޕްރައިވެޓް ހޮސްޕިޓަލްތަކަށް ހިދުމަތް ހޯދަން ދަނީ ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުން ހިދުމަތް ހޯދަން އުނދަގޫތަކެއް ކުރިމަތިވާތީ ކަމަށާއި އެހެންވެ ރާއްޖޭގައި ސިއްހީ ދާއިރާ ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރަށް ސިއްހީ ފަރުވާ ހޯދަން ދާ މީހުންނަށް ފަސޭހަކޮށްދިނުމުުގެ ގޮތުން އަގު ބޮޑުކޮށް ހިދުމަތްތައް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާ މަޝްވަރާކޮށް، އަގު ކުޑަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޒީނިއާ ވިދާޅުވި އެވެ.

އާސަންދައަށް ދައުލަތުން ކުރާ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުންދާތީ ދުނިޔޭގެ މާލީ އިދާރާތަކުން ގެންދަނީ އާސަންދަ ހަރަދުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ވަރަސް ބޮޑަށް ބާރު އަޅަމުންނެވެ.