އާސަންދައިގެ ހިދުމަތް މެދުނުކެނޑޭނެކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ފުރުސަތު ނުދޭން މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ.
މި ކުއްލި މައްސަލައިގައި އާސަންދަ ހުއްޓައިލަން ޖެހޭ ހިސާބަށް ދިޔަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ވަނީ ގޮވާލާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި މައްސަލައިގައި ތަޅުމުގައި ބަހުސް ކުރުމާމެދު ވޯޓަކަށް ދެވެން ނެތް ކަމަށެވެ.
އެ ގޮތުން އެއީ ކުއްލިއަކަށް ހިނގައިގެން އުޅޭ ކަމަށް ވާންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ކަމަށާއި އަދި އެއީ ފާއިތުވި ހަތް ދުވަހު ހިނގައިގެން އުޅޭ ކަމަކަށް ވާންޖެހޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ދިވެހިންނަށް ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ގާނޫނީ ގޮތުން ކަށަވަރުކޮށްދިނުމާއި ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތުގެ ހަރަދު ހަމަޖައްސައިދޭނެ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމެއް ގާނޫނީ ގޮތުން ގާއިމުކުރުން ހިމެނެ އެވެ.