ދުނިޔެ

ރިޔާސީ ރޭސް ދޫކޮށްލީ އަމިއްލަ އިޚްތިޔާރުގައެއް ނޫން: ބައިޑަން

އެމެރިކާގައި ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވީ އަމިއްލަ އިހްތިޔާރުގައި ނޫން ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ރިޔާސީ ދެވަނަ ދައުރެއްގެ އުއްމީދުގައި އިންތީހާބަށް ކުރިމަތިލެއްވުމަށްފަހު އަދި ކެމްޕެއިންގެ ތެރެއިން ޖޯ ބައިޑަން ވަނީ ރައީސް ކަމަށް ވާދަނުކުރައްވަން ނިންމަވާފަ އެވެ.

ބައިޑަން ވިދާޅުވި ގޮތުގައި އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވީ އަމިއްލަ ޕާޓީން ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރާ ހެދި އެވެ.

އިންތިހާބުގައި ބައިވެރިވެ ވަޑައިގެން ރަޢީސް ކަމަށް ވާދަކުރެއްވުމަކީ ޕާޓީގެ ބައެއް މެމްބަރުން ލަދުގަންނަ ކަމެއްކަން އެނގިވަޑައިގަތުމުން ދެވަނަ ދައުރަކަށް ކުރެއްވި އުއްމީދު ދޫކޮށްލެއްވީ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުން ބޭރުވުމަށް ބައިޑަންއަށް އެންމެ ބޮޑަށް ޕްރެޝަރު ކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ނާންސީ ޕެލޯސީ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް -- ބައިޑަންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ބާރަކް އޮބާމާވެސް، ބައިޑަންއަށް ޕްރެޝަރު ކުރެއްވި އެވެ.

ބައިޑަންގެ އިހްތިޔާރުގައި އިންތިހާބު ދޫކޮށްނުލައްވައިފިނަމަ، ގާނޫނީ ހަމަތަކުގެ މަތިން ރައީސް ކަމުން ދުރުކުރައްވާނެ ކަމަށް އޮބާމާ ވިދާޅުވި ކަމަށް ހަބަރުތައް ބުނެ އެވެ.

ޑިމޮކްރެޓިކް މެމްބަރުންގެ މެދުގައި ޖޯ ބައިޑަންއަށް އޮތް ތާއީދު ގެއްލެން މެދުވެރިވި ސަބަބަކީ، ސީއެންއެންއިން އިންތިޒާމުކޮށްގެން ބޭއްވި ރިޔާސީ ބަހުސް އެވެ. މި ބަހުސްގައި ބައިޑަން ވާދަކުރެއްވީ ރިޕަލްބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްއާ އެވެ.

ޓީވީތަކުން ވަގުތުން ދެއްކި މި ބަހުސްގައި ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރިހޯއްދެވޭ ގޮތް ބައިޑަން އަކަށް ނުވި އެވެ. ބަހުސްގެ ރިޔާސަތުން ދެ ކެންޑިޑޭޓުންނާ ކުރި ސުވާލުތަކަށް ޖަވާބުދެއްވުމުގައި ވިދާޅުވާނެ އެއްޗެއް އެނގިވަޑައިނުގެން ބައިޑަން ކިތަންމެ ފަހަރަކު ހުއްޓިވަޑައިގެންނެވި އެވެ. އަދި ބައެއް ފަހަރު ހުށަހެޅިފައި އޮތް ސުވާލު އޮތް ތަނުގައި އޮއްވައި ދެއްކެވީ މުޅިން އެހެން ވާހަތަކަތަކެކެވެ.

މި ބަހުސަށްފަހު ބައިޑަންގެ ވިސްނުންތެރިކަމާ މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދި ބޮޑު ބަހުސަކަށްވި އެވެ. އަދި ބައިޑަން އަކީ ޒަމާނީ އެމެރިކާ ގޮވައިގެން އޮއިވަރުގަދަ ދުނިޔެއަކަށް ނިކުމެވޭ ވަރުގެ ލީޑަރެއް ނޫން ކަމަށް ގިނަ ބަޔަކު ބުނަން ފެށި އެވެ.