ރައްޔިތުންގެ މަޖިލިސް

މާލީ ސެކިއުރިޓީޒްގައި އިންވެސްޓްކުރަން ބޭރު މީހުންނަށް ބޮޑު ލުޔެއް

ރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީނުކޮށް ބޭރުގެ ފަރާތްތަކަށް މާލީ ސެކިއުރިޓީޒްގައި އިންވެސްޓްކުރެވޭ ގޮތަށް ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އެވެ.

މި ބިލް މަޖިލީހަށް ތައާރަފު ކުރީ މިއަދު ބޭއްވި ޖަލްސާގަ އެވެ.

ގާނޫނުގެ ފަސްވަނަ މާއްދާގައި މިހާރު އޮތް ގޮތުން ބިދޭސީއަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކުންފުންޏެއްގެ ގޮތުގައި ނުވަތަ ޕާޓްނާޝިޕްގެ ގާނޫނުގެ ދަށުން ޕާޓްނާޝިޕެއްގެ ގޮތުގަ އެވެ.

މި މާއްދާއަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ އެއީ ބޭރުގެ ކުންފުންޏެއްނަމަ ރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރީރަޖިސްޓްރީކުރުމަށްފަހު އެވެ. ނުވަތަ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ނުވަތަ ޕާޓްނާޝިޕްގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކުރުމަށްފަހު އެވެ.

މީގެ އިތުރުން ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ ދަށުން ރާއްޖޭގައި އިސްވެސްޓްކުރުމަށް ހުއްދަ ހޯދައިގެންނެވެ.

އެ މާއްދާގައި އެހެން އޮތް ނަމަވެސް އެކަންކަން ފުރިހަމަކުރުމަކާ ނުލައި، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން އަދި އެ ގާނޫނުން ހުއްދަކުރާ ބާވަތެއްގެ ސެކިއުރިޓީޒްގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރުމަށް ގާނޫނު ހުރަސް ނާޅާކަމަށް އިސްލާހުގައިވެ އެވެ.

ނަމަވެސް ސެކިއުރިޓީޒްގައި އިންވެސްޓްކުރަން އެދޭ ބޭރުގެ ފަރާތަކީ އެކުއިޓީގައި އިންވެސްޓްކުރަން އެދޭ ފަރާތެއްނަމަ ސެކިއުރިޓީޒް މުއާމަލާތެއްގައި އެ ފަރާތަކުން ގަންނަ ހިއްސާގެ މިލްކުވެރިކަން 10 ޕަސެންޓަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް މި އިސްލާހުގައިވެ އެވެ.