އެމްއޭސީއެލް

ބައެއް ފްލައިޓްތައް ލަސްވެ ޝެޑިއުލަށް ބަދަލުއަތުވެދާނެ: އެމްއޭސީއެލް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ އަދި ޖައްސާ ފްލައިޓްތައް ލަސްވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ މި ހަފްތާގެ ކޮންމެ ދުވަހަކުވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރާތީ މިހަފްތާ ދަތުރުކުރާ ފްލައިޓްތަކުގެ ޝެޑިއުލަށް ބަދަލުތަކެއް އައިސްފާނެ ކަމަށެވެ.

މޫސުން ގޯސްވެފައިވާތީ ވީއައިއޭއަށް ފުރަން އަންނަ މީހުންނާއި އެއާޕޯޓުން ދާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެމްއޭސީއެލް އިން އެދިފައިވެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ރާއްޖޭގެ 20 ރަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެ އެވެ.

މާލެއަށް ވެސް އިއްޔެ ބޯކޮށް ވާރޭވެހި މާލޭގެ ބޮޑު ބައެއްގައި ފެން ބޮޑުވެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.