މޫސުން

މޫސުން ގޯސްވެ ދެ ފްލައިޓެއް ޑައިވާޓްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް މިއަދު ހެނދުނު ޖައްސަން ހަމަޖެހިފައި އޮތް ދެ ފްލައިޓެއް ސްރީލަންކާއަށް ޑައިވާޓްކޮށްފި އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ ލަންކާއަށް ޑައިވާޓް ކުރީ ލަންކާގެ ކޮލަމްބޯއިން ރާއްޖެއަށް އަންނަން އޮތް ފްލައިޓަކާއި ޖަރުމަނު ވިލާތުގެ ލުތުފަންސާއިން އަންނަން އޮތް ފްލައިޓެއް ކަމަށެވެ.

މޫސުން ތަންދިންހާ އަވަަހަށް އެ ދެ ފްލައިޓުވެސް ރާއްޖެއަށް އަންނާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ދެ ފްލައިޓް ޑައިވާޓްކުރި ނަމަވެސް ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އަދި އެއްވެސް ބުރޫއެއް އަރާފައެއް ނުވެ އެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ސަފާރީއެއް ދިޔަވެގެން އެމްއެންޑީއެފްއިން މިއަދު ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެއީ ކ. ތިލަފުށީ ހުޅަނގު ދެކުނުން ހަަތަރު ނޯޓިކަލް މޭލު ބޭރުގައި އޮތް ހޭންޑީ ކްރޫސާ ސަފާރީ އަށެވެ.

އެމްއެންޑީއެފުން ބުނީ އެ މައުލޫމާތު މިއަދު ހެނދުނު 08:39 ގައި ލިބުމާއެކު ކޯސްޓްގާޑުގެ އުޅަނދު އެމްއޭ ސީޖީ އެސްކިއު އިން އެހީތެރިކަން ފޯރުކޮށް ދޭން ފެށި ކަމަށެވެ. އެ ސަފާރީން ދަތުރުކުރި 17 މީހުން މިހާރު ވަނީ ކޯސްޓްގާޑަށް ނަގާފަ އެވެ.

ރާއްޖެއަށް ކުރާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެ 11 އަތޮޅަކަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން އޮރެންޖް އެލާޓް މިހާރު ވަނީ ނެެރެފަ އެވެ.

އޮރެންޖު އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. މޫސުން ގޯސްވެ މި 11 އަތޮޅަށް އޮރެންޖު އެލާޓް ނެރެފައިއިރު މިއަދު 16 އަތޮޅަށް ޔެލޯ އެލާޓް ވެސް ވަނީ ނެރެފަ އެވެ.

އޮރެންޖް އެލާޓް ނެރިފައިވަނީ މިއަދު މެންދުރު 12:30 އަށެވެ. އަދި ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 11:30 ޖެހުމާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ އެ ވަގުތު ތަކުގައި އެ އަތޮޅު ތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށް ލަފާ ކުރާ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.