ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ވިއްސާރައިގެ ސަބަބުން 23 މީހަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފި

މާލެއަށް އިއްޔެ އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހި ގެތަކަށް ފެން ވަދެ ލިބުނު ގެއްލުންތަކާ ގުޅިގެން 23 މީހަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެންޑީއެމްއޭ އިން ބުނީ އިއްޔެކުރި ވިއްސާރައިގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެ، އެކި ކަހަލަ އެހީތެރިކަން ބޭނުންވެގެން 256 ފަރާތަކުން ރިޕޯޓްކުރި ކަމަށާއި އެކަމަކު ވަގުތީ ހިޔާތަކަށް ބަދަލުކުރަންޖެހުނީ 23 މީހަކު ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގައި ރާއްޖެއިން އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ މާލެ އަށެވެ. އެގޮތުން މާލެއަށް 89.4 މިލިމީޓަރުގެ ވާރޭވެހުނު ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މެޓް އޮފީހުން މިހާރު ވެސް ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ކަމަށް ފެންނާތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.