ރައްޔިތުންގެ މަޖިލިސް

ބިލް ބަލައިގަނެފިނަމަ، މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް މިއަދު ބާއްވަނީ

ޓޫރިސްޓް ރިޒޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިމުގެ މުއްދަތު 50 އަހަރަށްވުރެ އިތުރުނުވާނެ ގޮތަށް އިތުރުކުރަން ފައިސާ ދައްކަންޖެހޭ މުއްދަތު ކުރުކުރަން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަންނަން ފާސްވެއްޖެނަމަ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލްގެ ބަހުސް ފަށާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބިލްގެ ބަހުސް މިއަދު ނިމި އެ ބިލް މަޖިލީހަށް ބަލައިގަންނަން ފާސްވެއްޖެނަމަ މަޖިލީހުގެ ގަވާއިދުގެ ދަށުން އެ ބިލް ދާނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ކަމަށެވެ.

"އެހެންކަމުން އެ ބިލް ބަލައިގަތުމަށް ފާސްވެއްޖެނަމަ މިއަދު މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް އަޅުގަނޑު ގަސްތުކުރާ ވާހަކަ އިއްޒަތްތެރި މެންބަރުންނަށް ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މެންބަރު އަބްދުﷲ ރަޝީދު ވަނީ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ބައެއް ނަންބަރުތަކަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.

މީގެ ތެރޭގައި ޑިސެމްބަރު 27، 2020 ގައި ތަސްދީގުކޮށް އެ ތާރީހުން ފެށިގެން އަމަލުކުރަމުންދާ ބައެއް އިސްލާހުތައްވެސް ހިމެނެ އެވެ. އެއީ މި ގާނޫނަށް ގެނައި 10 ވަނަ އިސްލާހެވެ.

ގާނޫނުގެ ނުވަ ވަނަ މާއްދާގެ ނ. ގެ އެއްވަނަ ނަންބަރުގައި ބުނަނީ ރިސޯޓުގެ މުއްދަތު އިތުރުކުރުމަށް އެ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ދެއްކުމަށެވެ.

މި މާއްދާއަށް މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސްވެ، ތަސްދީގުކޮށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ދައްކަން ބިލްގައި ހިމަނާފައިވެ އެވެ.

ގާނޫނުގެ ނުވަ ވަނަ މާއްދާގެ ނ. ގެ ދެވަނަ ނަންބަރުގައި މިހާރު އޮތް ގޮތުން ޑިސެމްބަރު 27، 2020 އިން ފެށިގެން ހިނގާ ފުރަތަމަ ދެ އަހަރުގެ މުއްދަތަށްފަހު ފައިސާ ދައްކާ ހަލާސްކުރުމަށް އެއްބަސްވާނަމަ އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 ޑޮލަރު ދައްކަންޖެހޭނެ އެވެ.

އެ މުއްދަތު ކުރުކުރަންވެސް މި ބިލްގައި ވަނީ ހިމަނާފަ އެވެ.

އެގޮތުން މި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށީގެން ހަ މަސް ދުވަހުގެ މުއްދަތަށްފަހު ފައިސާ ދައްކައި ހަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ބިލްގައި ބުނެފައިވެ އެވެ.