އެޓަލަންޓާ ބަލިކޮށް ރެއާލް މެޑްރިޑުން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.
މިއީ ރެއާލުން ސުޕަ ކަޕް ކާމިޔާބު ކުރި ހަވަނަ ފަހަރެވެ.
ވާރްސްޒްވާ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފައި ވަނީ 0-2 ގެ ނަތީޖާ އަކުންނެވެ.
ޔުއެފާ ސުޕަކަޕްގައި އިޓަލީގެ އެޓަލަންޓާ އާއި ދެކޮޅަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ސީޒަންގައި ރެއާލް އާއި ގުޅުނު ފްރާންސްގެ ތަރި ކީލިއަން އެމްބާއްޕޭ ވަނީ ގޯލެއްވެސް ކާމިޔާބުކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައިވެސް ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި ހާފުގައި ގޯލް ޖަހާނެ ގިނަ ފުރުސަތު ތަކެއް ރެއާލުން ވަނީ ތަނަވަސްކޮށްފަ އެވެ. އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އަދި މިހާފުގައި އެޓަލަންޓާ އަށް ލިބުނު މަދު ފުރުސަތުތަކުގައި އެ ޓީމުންވެސް ރެއާލްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފައިވެ އެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ރެއާލުން ވަނީ އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފަ އެވެ. މެޗުގެ 59 ވަނަ މިނެޓުގައި ރެއާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ވިނީސިއަސް ޖޫނިއާ، އެޓަލަންޓާގެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ރެއާލަށް ކާމިޔާބުކޮށްދީފައިވަނީ ފެޑެރިކޯ ވަލްވާޑޭ އެވެ.
މި މެޗުގައި ރެއާލުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 68 ވަނަ މިނެޓް ގައެވެ. ބޯޅަ އާއި އެކު އެޓަލަންޓާގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަދެ އެޓަލަންޓާގެ ޑިފެންޑަރުން ކައިރިން ނެއްޓުމަށްފަހު އިނގިރޭސި ޒުވާން ތަރި ޖޫޑް ބެލިންގްހަމް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ރެއާލަށް ކާމިޔާބުކޮށްދީފައިވަނީ މި ސީޒަނުގައި އެ ޓީމާއި ގުޅުނު ފްރާންސްގެ ކީލިއަން އެމްބާޕޭ އެވެ.
މީގެ ކުރިން ފަސް ފަހަރު މަތިން ޔުއެފާ ސުޕަކަޕް ރެއާލުން ހޯދާފައިވާއިރު، މިފަހަރުގެ މޮޅާއިއެކު މިވަނީ ހަވަނަ ފަހަރަށް ޔުއެފާ ސުޕަކަޕް ކާމިޔާބުކޮށްފަ އެވެ. މިއާއި އެކު ރެއާލް މެޑްރިޑް ވެގެން މި ދިޔައީ ޔުއެފާ ސުޕަ ކަޕް އެންމެ ގިނައި ކާމިޔާބު ކުރި ޓީމަށެވެ.