އަބްދުﷲ ޝާހިދު

އިންޑިއާއަކީ ހުރިހާ މޫސުމެއްގައިވެސް އެކުވެރިއެއް: ޝާހިދު

އިންޑިއާ އަކީ ރާއްޖެއަށް ހުރިހާ މޫސުމެއްގައިވެސް އެކުވެރިއެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށާއި އެ ގައުމުގެ ރައްޔިތުންނަަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ.

ޝާހިދު ވިދާޅުވީ އިންޑިއާ އަކީ ރާއްޖެއަށް ކުރިމަތިވި ކޮންމެ ކާރިސާއެއްގައިވެސް އެންމެ ފުރަތަމަ އަދި އެންމެ ރަނގަޅަށް އެހީވެދޭ ގައުމު ކަމަށެވެ.

"އިންޑިއާއަކީ ރާއްޖެއިން މި ކުރަމުންދާ ތަރައްގީގެ ދަތުރުގައި އަގުނުކުރެވޭ ފަދަ ބައިވެރިއެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ރާއްޖޭގެ ރައްޔިތުންނަށް އިންޑިއާއިން ފޯރުކޮށްދޭ އެހީއާ ވަސީލަތްތައް ފާހަގަކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަލައިގަންނަ ކަމަށް ވިދާޅުވެފަ އެެވެ.

މިފަހުން ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައިވެސް ޝާހިދު ވަނީ އެމްޑީޕީގެ އިސްވެރިންނާއެކު ޖައިޝަންކަރާ ބައްދަލުކުރައްވާފަ އެެވެ.

މިބައްދަލުކުރެއްވުމަށްފަހު ޝާހިދު މީޑިއާގައި ވިދާޅުވީ މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ކުރިން އިިދިކޮޅުގައި ތިއްބަވައިގެން އިންޑިއާއާ ދެކޮޅަށް ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނަކީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. ނަމަވެސް އިންޑިއާގެ މުހިއްމުކަން ސަރުކާރުގެ އިސްވެރިންނަށް ވިސްނިވަޑައިގެން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މިހާރު ކުރައްވާ މަސައްކަތްތަކަށްވެސް ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.