ސާޖިދާ މުހައްމަދު

ގާލް ގައިޑް ހަރަކާތުން ބިނާކޮށްދެނީ ބޭނުންތެރި ދަރިންތަކެއް: ސާޖިދާ

ގާލްގައިޑް ހަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިވަރުންތަކެއް ބިނާވެގެން ދިއުމަކީ ގައުމަށް ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާ ބައްދަލުކުރެއްވުމަށް ރޭ ސަލާހުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ގާލްގައިޑް ޙަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ އާއިލާތަކާއި މުޖުތަމައަށް އަދި މުޅި ގައުމަށްވެސް ކުރާނެ ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން މި ކޭމްޕަކީ އެކި ގައުމުތަކުން ބައިވެރިވާ ބައިނަލްއަގްވާމީ ހަރަކާތެއްކަން ފާހަގަކުރައްވައި މި ކޭމްޕްގެ ތެރެއިން ގައުމު ފުރިހަމައަށް ތަމްސީލްކޮށްދީ އަދި އެ ދަރިވަރުންނަކީ މުސްލިމުންކަމާއި ފަހުރުވެރި ދިވެހި ދަރީންކަން ކުރާ ހުރިހާ ކަމެއްގައި ސާބިތުކޮށްދެއްވުމަށް ކޭމްޕްގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާލްގައިޑުންނާއި 32 އެޑަލްޓް ލީޑަރުން ބައިވެރިވެ އެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ގައުމީ ދިދަވެސް ހަވާލުކޮށްދެއްވާފަ އެވެ.