ސާޖިދާ މުހައްމަދު

އިސް މަގާމުތަކުގައި އަންހެނުން ތިބުމުން ހެޔޮ ބަދަލު ގެނެވޭނެ: ސާޖިދާ

ލީޑަޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން ހެޔޮބަދަލުތަކާ އަދި ތަފާތު ވިސްނުންތައް ގެނެސްދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ، ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން އަންހެނުންނަށް އަމާޒުކޮށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލީޑަޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން އަންނާނެ ހެޔޮބަދަލުތަކާގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ގާލް ގައިޑް ހަރަކާތަކީ ހަމައެކަނި މުސްތަގުބަލްގެ ލީޑަރުން އުފެއްދުމުގެ ހަރަކާތެއް ނޫން ކަމަށާ އޭގެ ބަދަލުގައި އެއީ އަންހެނުން ބާރުވެރިކުރުވުމާއި މުޅި މުޖުތަމައު ބާރުވެރިކުރުވުމުގެ ހަރަކާތެއް ކަމަށެވެ.

އެކަމަނާ ވިދާޅުވީ މިކަމަށް އެދެވޭ ބަދަލެއް ގެނެވޭނީ ކަންކަމުގައި އިރުޝާދު ދިނުމާއި ލީޑަޝިޕް ތަމްރީންތަކާއި، ނިންމުންތައް ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ބައިވެރިވުމަށް ހިތްވަރުދިނުމާއި ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި، މި ކަންކަމަށް އެއްބާރުލުން ދިނުމުގެ މާހައުލެއް އުފެއްދުމާއެކު އެފަދަ މުޖުތަމައުތައް އުފެދިގެން ކަމަށެވެ.

އެކަމަނާގެ ވާހަކަފުޅުގައި މިންތީގެ ހަމަހަމަކަމަށް ކުރާ ދަތުރުގައި މިހާތަނަށް ފާހަގަކޮށްލެވޭ މުހިއްމު ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް މިދަތުރު އަދި ނިމެން ގާތްވެސް ނުވާ ކަމުގައި ވިދާޅުވި އެވެ.

"ލީޑަޝިޕްގެ އެކިދައުރުތައް އަދާކުރާ އަންހެނުން ފާހަގަކޮށްލެވޭ މިންވަރަކަށް ހަރަކާތްތެރިވި ނަމަވެސް ތަފާތު ދާއިރާތަކުގައި އަންހެނުން ތަމްސީލްކުރުމުގެ ބޭނުންތެރިކަން އަދިވެސް ބޮޑު،" ފަސްޓްލޭޑީ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ އަންހެނުން، އެކި ދާއިރާތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރާއިރު އަންހެނުންނަށް ކުރިއަށް ދެވޭނެ އަދި ކުރިއަރަންޖެހޭ ބައެއް ދާއިރާތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު މަދު ކަމަށެވެ.

ފަސްޓްލޭޑީ ވިދާޅުވީ ގާލް ގައިޑް ހަރަކާތަކީ ރާއްޖޭގައި ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށެވެ. އެ ހަރަކާތުގައި އުޅުއްވި ބައެއް ބޭފުޅުން ފަހުން ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އިސް މަގާމުތައް އަދާކުރައްވާ މަންޒަރު ފެނިވަޑައިގެންނެވުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމުގައި ވިދާޅުވި އެވެ.

"މިއަދާއި އަދި މުސްތަގުބަލްގެ ޖީލުތަކުގެ މަންފާއަށްޓަކައި މި ލީޑަޝިޕް ހަރަކާތް އިތުރަށް ފުޅާކޮށް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ހިތްވަރުދެން،" ސާޖިދާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އޭޝިއާ ޕެސިފިކް ސަރަހައްދާ ރާއްޖޭގެ ގާލް ގައިޑުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފަ އެވެ.