އިނގިރޭސި ޕްރިމިއާ ލީގު ފެށުމުގެ ގޮތުން ކުޅުނު މިސީޒަނުގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ވާދަކުރި މި މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 0-1ގެ ނަތީޖާ އަކުންނެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑު އޯލްޑް ޓްރޮފޯޑްގައި ކުޅުނު މި މެޗުގެ ފުތަރަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެވެ.
ނަމަވެސް ދެ ޓީމަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެން ގޮސްފައިވެ އެވެ. މިގޮތުން މި ހާފްގައި އެންމެ ހުސް ދެ ފުރުސަތު ލިބިގެން ދިޔައީ މެންޗެސްޓާ ޔުނައިޓެޑްގެ ބުރޫނޯ ފާނޭންޑޭޒް އަށެވެ. ބުރޫނޯ ހުސްކޮށް ފުލަމްގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ދެ ހަމަލާވެސް ފުލަމްގެ ކީޕަރު ބާންޑް ލެނޯ ވަނީ ދިފާއުކޮށްފަ އެވެ.
ވާދަވެރި މި މެޗުގެ ދެވަނަ ހާފު ފަށައިގެން ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ހާފުގައިވެސް ގިނަ ހަމަލާ ތަކެއް އުފައްދާފައިވަނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. މި ހާފުގައިވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފާނެންޑޭޒް އަށް ލިބިފައިވެ އެވެ.
މެންޗެސްޓާ ޔުނައިޓެޑުން މި މެޗުގެ ލީޑު ނަގާފައިވަނީ މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށްވެފައި ވަނިކޮށެވެ. މެޗުގެ 87 ވަނަ މިނެޓުގައި އަލެހަންދުރޯ ގާނަޗޯ ތަނަވަސް ކޮށްދިން ފުރުސަތަކުން މި ގޯލު މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފައިވަނީ މި ސީޒަނަށް އަލަށް އެ ޓީމާ ގުޅުނު ޖޯޝުއާ ޒިކްރްކީ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ފަށާފައިވާއިރު މިއަދާއި މިރޭ ވެސް ލީގުގެ މެޗުތަކެއް ކުރިއަށް ދާނެ އެވެ.