ދިރާގު

ޓްރެވަލް ކޮންފަރެންސްގެ ވިމެންސް އެޑިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް – ވިމެންސް އެޑިޝަން 2024 ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ސޮއިކޮށްފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމުކުރާ މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް އެކަންކަން ހައްލުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް ނައިޔާ ޝަރީފް ވިދާޅުވީ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް – ވިމެންސް އެޑިޝަން 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، މި ކޮންފަރެންސް ގެނައުމުގައި މަޓާޓޯއާއެކު ބައިވެރިވުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

އެ ގޮތުން ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ ލިބޭ އުފަލެއް ކަމަށް ނައިޔާ ވިދާޅުވި އެވެ.

މި ކޮންފަރެންސްއަށް ދިރާގުން އެއްބާރުލުންދޭތީ މަޓާޓޯގެ ސީއީއޯ އާމިނަތު ސޫޒަން ވަނީ ދިރާގަށް ޝުކުރު އަދާކޮށްފަ އެވެ.

ސޫޒަން ވިދާޅުވި ގޮތުގައި މި އިވެންޓަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުވުމަށް މަޓާޓޯއިން ކުރާ މަސައްކަތުގެ ހެއްކެކެވެ. މިކަން ކުރިއަށް ގެންދިއުމުގައި ދިރާގާއެކު ބައިވެރިވުމަކީ ލިބޭ ފަހުރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް – ވިމެންސް އެޑިޝަން 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެން މޯލްޑިވްސް މާލެ، ބައި ޝަންގްރިއްލާގަ އެވެ.

އަންހެނުން ބާރުވެރިކުރުވައި، ރާއްޖޭގެ މުހިންމު ދާއިރާތައް ތަރައްގީކޮށް، ދިވެހިންގެ ދިރިއުޅުން މުއްސަނދިކޮށްދޭ ހަރަކާތްތަކުގައި ބައިވެރިވެ އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ދިރާގުން ބުނެ އެވެ.