ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެހީ ދިނުމުގައި ދިރާގު ބައިވެރިވެއްޖެ

May 21, 2020

ދިރާގުން މޯލްޑިވްސް އެސޯސިއޭޝަން ފޮ ޓްރެވަލް އެޖަންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނެޝެނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން. ބީ. އޭ. އެމް) އިން ކުރިއަށް ގެންދިޔަ ކާބޯތަކެތި ފޯރުކޮށްދޭ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ދިރާގުން ބުނީ މަޓާޓޯ އާއި އެން.ބީ.އޭ.އެމް އިން ފެށި މި ޕްރޮގުރާމު ދިރާގުން ބަލައިގަނެ، މި ކަމަށް އެއްބާރުލުން ދޭން ނިންމާފައިވަނީ މި ދަނޑިވަޅުގައި މިއީ އިންސާނިއްޔަތަށްޓަކާ ކޮށްދޭ އަގުހުރި މަސައްކަތައްކަށްވާތީ ކަމަށެވެ. ރަމަޟާން މަސް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށި މި ޕްރޮގުރާމު، ރަމަޟާންމަހުގެ އިތުރުން ފިތުރު އީދާއި ޝައްވާލްމަހުގެ ފުރަތަމަ ހަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެ އެވެ.

މި ޕްރޮގުރާމްގެ ދަށުން ކަރަންޓީން އަދި ލޮކްޑައުންގެ ސަބަބުން މާލެ އަދި ހުޅުމާލޭގައި ވަގުތީ ހިޔާތަކުގައި ތިބި ދިވެހިންނާއި ބިދޭސީންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެމުންދާނެ އެވެ. މިއަދާ ހަމައަށް މި ޕްރޮގުރާމްގެ ދަށުން 25،000 އެއްހާ "މީލް ޕެކޭޖް" ހަދިޔާކޮށްފައިވާ ކަމަށްވެސް ދިރާގުން ބުނެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ ލިބުން ދަތިވެ، ކުލި ނުދެއްކުމުގެ ސަބަބުންނާއި އެކި ގޮތްގޮތުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުމަތިވެފަ އެވެ. މިފަދަ ފަރާތްތަކަށް ސަރުކާރުން ދަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.