ކުޅިވަރު

އޮލިމްޕިކްސްގެ ޕެރަ ގޭމްސްގައި ރާއްޖެ ތަމްސީލް ކުރާ ދުވުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

ފްރާންސްގައި ބާއްވާ އޮލިމްޕިކްސްގެ ޕެރަ ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ދުވުންތެރިންނަށް ޖާޒީ ހަވާލުކޮށްފި އެވެ.

އޮލިމްޕިކްސްގެ ޕެރަ ގޭމްސްގައި މިއަހަރު ރާއްޖެއިން ބައިވެރިވަނީ ފާތިމަތު އިބްރާހިމް (ފާތުން) އާއި އަބްދުއްރައްޒާގު އެވެ.

މި ދެ ދުވުންތެރިންނަކީ އެންމެ ފަހުން މަޑަގަސްކަރައިގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑު ގޭމްސްގައި އެންމެ ފަހުން ރާއްޖެ ތަމްސީލް ކުރި ޓީމުގައިވެސް ހިމެނޭ ދެ ދުވުންތެރިންނެވެ. މިމުބާރާތުގައި ފާތުން ވަނީ ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދަ ދީފަ އެވެ. މީގެއިތުރުން ފާތުންއަކީ 2021 ވަނަ އަހަރު ޖަޕާންގައި ބޭއްވި ޕެރަލިމްޕިކްސްގައިވެސް ދުވެފައިވާ އެތުލީޓެކެވެ. މިއީ ދިވެހި އެތުލީޓެއް ޕެރަލިމްޕިކްސް ގޭމްސްގައި އަލަށް ބައިވެރިވެ ދުވުމުގެ އިވެންޓެއް ނިންމާލި ފުރަތަމަ މުބާރާތެވެ.

ރައްޒާގާއި ފާތުންނަށް ފްރާންސްގައި ބާއްވާ އޮލިމްޕިކްސްގެ ޕެރަ ގޭމްސްގައި ދުވަން ފުރުސަަތު ދީފައިވަނީ ރާއްޖޭގެ ރޭންކިންގައި މިވަގުތު އެންމެ ކުރީގައި އުޅެނީ މި ދެ ދުވުންތެރިން ކަމަށްވާތީ އެވެ.

ފާތުންނާއި ރައްޒާގަށް ޖާޒީ ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

އޮލިމްޕިކްސްގެ ޕެރަ ކަޓަގަރީ ނުވަތަ ޕެރަލިމްޕިކްސްއަކީ ނުކުޅެދޭ މީހުންނަށް ހާއްސަކޮށްގެން ދުނިޔޭގެ އޮލިމްޕިކް ކައުންސިލުން ބާއްވާ ގޭމްސް އެކެވެ.