ލޯކަލް ކައުންސިލްތަކުން ހުސްވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން ހަ މަސް ތެރޭގައި ބާއްވަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު މަޖިލީހަށް ހުށަހެޅުއްވި މިއިސްލަހު މަޖިލީހުން ފާސްކުރީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.
ގާނޫނުގައި ކުރިން އޮތް ގޮތުން ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ އެކަން 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގަންޖެހެ އެވެ. މި އެންގުން އަންގާ ތާރީހުން ފެށިގެން ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށްވެސް ގާނޫނުގައި ކުރިން އޮތެވެ.
މިއަދު ތަސްދީގު ކުރެއްވި އިސްލާހުގައި މިހާރު ވަނީ ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވަން ވާނީ އަހަރަކު ދެފަހަރު ކަމަށް ކަނޑައަޅާފަ އެވެ. މިގޮތަށް ބާއްވާ ދެ ބައި-އިލެކްޝަނެއްގެ ދެމެދުގައި 183 ދުވަހަށް ވުރެ ދިގު މުއްދަތެއް އަދި 120 ދުވަހަށް ވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމުގައި ބުނެފައިވެ އެވެ.
ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެ، އެކަން އެލްޖީއޭ އިން އީސީއަށް އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަންޖެހޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
ގާނޫނަށް ހުށަހެޅި އިސްލާހުގައި ކައުންސިލެއްގެ މެންބަރެއްގެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުން ލާޒިމުނުވާ ގޮތަށްވެސް ވަނީ ހިމަނާފަ އެވެ.