އެޗްޑީސީ

ބިން ކުއްޔަށް ދެނީ އަބަދުވެސް އަމަލުކުރާ އުސޫލުން: އެޗްޑީސީ

ވިޔަފާރި ބޭނުމަށް ހުޅުމާލެއާއި ތިލަފުށިން ބިން ދޫކުރަމުންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލުން ކަމަށް ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނެފައި މިވަނީ ތިލަފުށިން ސިނާއީ ބޭނުމަށް ބިން ދޫކުރަން އެޗްޑީސީ އިން ހުޅުވާލީ ސަރުކާރުން ބިން ދޭން ބޭނުންވާ ބަޔަކަށް ނުއަގުގައި ބިން ދޫކުރުމަށް ކަމަށް ބުނެ މީޑިއާގައި ރިޕޯޓްކުރި ހަބަރުތަކަކާ ގުޅިގެން ކަމަށެވެ.

އެޗްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނީ ބިން ކުއްޔަށް ދޭން ހުޅުވާލީ އެ ކޯޕަރޭޝަނުން އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ޕްރޮސެސްގެ ތެރެއިން ކަމަށެވެ.

އެ ޕްރޮސެސްގެ ތެރެއިން ހުރިހާ ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން ބިން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރާ ތަރުތީބުން ބިން ދޫކުރަމުން އަންނަ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެ ބިންތައް ކުއްޔަށް ދޫކުރުމަށް ކަނޑައެޅިފައިވާ އަގުތަކަކީ ވެސް އެ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ އަގުތަކެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީ އިން އިތުރަށް ބުނީ އެ ކުންފުންޏާ ބެހޭ ހަބަރު ރިޕޯޓުކުރުމުގައި މައުލޫމާތު ސާފުކޮށް، ރަނގަޅު މައުލޫމާތު ގެނެސްދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.