ރިސާޗް އެންޑް ޑެވެލޮޕްމަންޓް ދާއިރާއަށް ސަރުކާރުން ކުރާ އިންވެސްޓްމަންޓް އިތުރުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި މިއަދު ބޭއްވި އަހަރީ ތެވެލި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިރާސާއަކީ ރާއްޖެ ފަދަ ކުޑަ ގައުމެއް ތަރައްގީކުރުމުގައި މުހިއްމު ދައުރެެއް އަދާކުރާ އެއްޗެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ދިރާސާގެ އަލީގައި ބިނާވާ މުސްތަގުބަލެއް ތަރައްގީކުރުމަށް ޓަކައި އެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށްދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އިސްލާހީ އެޖެންޑާއާ އެއްގޮތަށް ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، އިގްތިސާދީ ތަރައްގީއާއި، އިޖްތިމާއީ ރައްކާތެރިކަން ފަދަ ދާއިރާތަކުން ރިސާޗް ގްރާންޓް ތައާރަފްކުރާނެ ކަމަށެވެ.
ރައީސް ވަނީ ދިރާސާވެރިންނަށް ހާއްސަ ގައުމީ ރިސާޗް ކައުންސިލް ގާއިމުކުރުމަށް ކުރާ މަސައްކަތް ފާހަގަކުރައްވާ، ތައުލީމީ އިދާރާތައް އިތުރަށް ހަރުދަނާކުރުމަށާއި ގައުމީ ތަރައްގީއާ ބެހޭ މަޝްރޫއުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ދިރާސާވެރިންނަށް ފަހިކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ދިރާސާގެ މައްޗަށް ބިނާވާ ސިޔާސަތުތަކެއް އެކުލަވާލުމަކީ ހަމައެކަނި ސަރުކާރުގެ މަސައްކަތުން ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވަނީ އެކަން ހާސިލްކުރުމުގައި އެންމެހާ ހިއްސާދާރުންނާއި، ތައުލީމީ އިދާރާތަކާއި، އަމިއްލަ ފަރާތްތަކާއި، އިންޓަނޭޝަނަލް ޕާޓްނަރުންގެ ބައިވެރިވުމާއި އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.
ރާއްޖޭގައި ކުރާ ދިރާސާއަކީ ބައިނަލްއަގްވާމީ އެންމެ މަތީ ފެންވަރުގެ ދިރާސާތަކަށް ހެދުމަށްޓަކައި ދުނިޔޭގެ ދިރާސާއާ ބެހޭ ތަޖުރިބާކާރުންނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދަން ބޭނުންވާ ޕާޓްނާޝިޕްތައް އުފެއްދުމަށް އިސްކަމެއް ދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދަނޑުވެރިކަމާއި، މަސްވެރިކަމާއި، މޫސުމީ ބަދަލުތަކާއި، އާއްމު ސިއްހަތާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާތަކަށް ހާއްސަ މަޝްރޫއުތަކެއް ލޯންޗުކުރާނެ ކަމަށެވެ. އަދި އެ މަޝްރޫތައް ވެގެން ދާނީ ދިރާސާގެ ބިންގަލުގެ މައްޗަށް ބިނާވާ މުޖުތަމައުއެއް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާ މަޝްރޫއުތަކަކަށް ކަމަަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިފަދަ މަހާސިންތާތަކުގެ މުހިއްމުކަން ފާހަގަކުރައްވާ، އެމްއެންޔޫގެ މަސައްކަތްވެސް ބަލައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
މިއީ މިފަދަ މަހާސިންތާއެއް ބާއްވާ ހަތްވަނަ ފަހަރެވެ. ކުރިއަށް އޮތް ތިން ދުވަހަށް ދެމިގެންދާ މި މަހާސިންތާގެ މި އަހަރުގެ ތީމަކީ "ބްރިޖިން ބައުންޑަރީސް: އެކްސްޕްލޯރިން ސިނާޖީސް އެކްރޮސް ރިސާޗް ޑިސިޕްލިންސް" އެވެ.