ކުޅިވަރު

ފުރަތަމަ މެޗުގައި މަޔޯކާ އަތުން ރެއާލްއަށް މޮޅެއް ނުވެވުނު

ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މޮޅެއް ނުލިބި، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

މަޔޯކާގެ ސްޓޭޑިއަމްގައި ރޭ އެޓީމާ ދެކޮޅަށް ރެއާލްއިން ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އަދި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ރެއާލްއިންނެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ޖަހައިދިނީ ރޮޑްރިގޯ އެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް، މެޗުގެ 53 ވަނަ މިނެޓްގައި މަޔޯކާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ފޯވާޑް ވެދާތު މޮރީޝީ އެވެ.

ދެވަނަ ހާފުގައި މެޗުން މޮޅުވުމަށްޓަކައި ދެ ޓީމުންވެސް ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ.

މި މެޗުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗަލޮޓީ ވަނީ ފާހަގަކޮށްފަ އެވެ.

އަންޗަލޮޓީ ބުނީ މިއީ އޭނާގެ ޓީމުގެ ފެންވަރު ނޫން ކަމަށެވެ. އަދި މިމެޗުގެ އަލީގައި ޓީމު ރަނގަޅު ކުރަންވީ ކަންކަން ދެނެގަނެވިއްޖެ ކަމަށްވެސް ކޯޗު ބުންޏެވެ.

ރެއާލް މެޑްރިޑުން ދެން ލަލީގާގައި ބައްދަލުކުރާނީ ވަޔަޑޮލިޑްއާ އެވެ. އެމެޗު ކުޅޭނީ މިމަހު 25 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 8:00 ޖަހާއިރު އެވެ.