ސާޖިދާ މުހައްމަދު

މިންތީގެ ހަމަހަމަކަން ސަރުކާރުން ގާއިމުކުރާނެ: ސާޖިދާ

ދިވެހި މުޖުތަމައުގެ ކޮންމެ ކަމެއްގައިވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދެއްވައިފި އެވެ.

އެކަމަނާ މިކަމުގެ ޔަގީންކަން ދެއްވީ "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޮޓަލް ޖެންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަން ފާހަގަކުރައްވާފަ އެވެ.

އެކަމަނާ ވިދާޅުވީ އެހެން ދިމާވަނީ ބައެއް ރިސޯޓްތަކުގައި އަންހެނުންނަށް ފަހި މާހައުލެއް ނެތުމާއި، އެ ރޯލުތަކުގައި މަސައްކަތްކުރާ އަންހެނުންނާ ގުޅިފައިވާ އިޖުތިމާއީ ނިކަމެތިކަމާއި، މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންނަށް ހުރި ފުރުސަތުތައް ހަނިވާ ގޮތަށް ކަންކަން ދެމިއޮތުމާއި، ނިޒާމީ ގޮތުން ދިމާވާ މައްސަލަތަކުން ކަމަށެވެ.

މެޑަމް ސާޖިދާ ވަނީ އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައްވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ވިހެއުމުގެ ޗުއްޓީއާއި އެފަދަ ބޭނުންތައް ދެނެގަނެވޭނެ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން އެކަމަނާ ވާހަަކަ ދެއްކެވި އެވެ. ވަޒީފާ ދިނުމުގައި އަންހެނަކަށް ވީތި ތަފާތުކުރުން ގެންގުޅުމަކީ އެއްވެސް ވަރަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެއީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެޅޭ ހުރަހެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ހަގީގީ ބަދަލެއް ގެނެއުމަށް ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށް، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަޑު އަހައި، މަސައްކަތުގެ މާހައުލުގައި ކަނބަލުންނަށް ހުރި ގޮންޖެހުންތައް ދެނެގަތުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވަނީ މެޑަމް ސާޖިދާއަށް ހަނދާނީ ލިޔުމެއްވެސް އަރުވާފަ އެވެ.