ހަބަރު

މަޓާޓޯ ޓްރެވެލް އެވޯޑްގެ ގަލާ އެޑިޝަންގެ ނޮމިނޭޝަންސް އިއުލާންކޮށްފި

މޯލްޑިވްސް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ "މޯލްޑިވްސް ޓްރެވެލް އެވޯޑްސް 2019" ގެ ގަލާ އެޑިޝަންގެ އެވޯޑް ކެޓީގަރީތަކުގެ ނޮމިނޭޝަންސް އިއުލާންކޮށްފި އެވެ.

ރިސޯޓުތަކާއި އެއާލައިންތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ އެނުއަލް ގަލާ އެޑިޝަންގައި 25 ކެޓަގަރީ ހިމެނެ އެވެ. މަޓާޓޯ އިން ބުނި ގޮތުގައި އެ ކެޓަގަރީތަކަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 އަށްވުރެ ގިނަ ޓްރެވެލް ބްރޭޑް ތަމްސީލު ކުރާ 236 ފަރާތެއް އެ ކެޓަގަރީތަކަށް ވަނީ ނޮމިނޭޓް ވެފަ އެވެ.

މަޓާޓޯ އިން ވަނީ ގަލާ އެޑިޝަންގެ ނޮމިނޭޝަންތައް އާންމުންގެ ވޯޓަކަށް ހުޅުވާލައިފަ އެވެ. އެ ގޮތުން ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެވޯޑް ކެޓަގަރީތަކަށް ދިރާގައި އުރީދޫ ކަސްޓަމަރުންނަށް ވެސް އެސްއެމްސް މެދުވެރިކޮށް އަދި މަޓާޓޯގެ ވޯޓް ޕޯޓަލް މެދުވެރިކޮށް ވޯޓު ދެވޭނެ އެވެ.

މަޓާޓޯ ޓްރެވެލް އެވޯޑްގެ ގަލާ އެޑިޝަންގެ ނޮމިނޭޝަންތަކަށް ވޯޓް ލެވޭނެ ލިންކް

އެވޯޑަށް ނޮމިނޭޓްވި ފަރާތްތަކުގެ ތެރެއިން އެވޯޑް ލިބޭނެ ފަރާތް ކަނޑައެޅުމުގައި މާކްސް ދިނުމުގައި އާންމުންގެ ވޯޓުން 40 ޕަސެންޓް ނަގާނެ އެވެ. ދެން އޮތް 60 ޕަސެންޓް މާކްސް ކަނޑައަޅާނީ ފަނޑިޔާރުންގެ ޕެނަލަކުން ނޯމިނޭޝަންތަކަށް އިންސާފު ކުރާ މާކްސް އިންނެވެ.

މިއީ މަޓާޓޯ އިން އިންތިޒާމްކޮށްގެން ޓްރެވެލް އެވޯޑްސް ބާއްވާ އަށް ވަނަ އަހަރެވެ. ގަލާ އެޑިޝަންގެ އެވޯޑް ދިނުމުގެ ހަފުލާ ބާއްވަން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުގަ އެވެ. މާޓާޓޯ އިން މޯލްޑިވްސް ޓްރެވެލް އެވޯޑްސް ހަފުލާ ބާއްވަން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ.