ހަބަރު

ފަތުރުވެރިކަމުގެ ލައިފްޓައިމް އެވޯޑު މިނިސްޓަރު ނަސީމަށް

ފަތުރުވެރިކަމުގެ ދާއިރާގެ ލައިފްޓާއިމް އެޗީވްމަންޓް އެވޯޑު، އެދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) އަށް އަރުވައިފި އެވެ.

ނަސީމް އަށް މި އެވޯޑު އަރުވާފައިވަނީ ރޭ ކްރޮސްރޯޑުގައި ބޭއްވި "މޯލްޑިވްސް ޓްރެވެލް އެވޯޑްސް ގާލާ 2019" އެވޯޑު ހަފްލާގަ އެވެ.

އެވޯޑާ ހަވާލުވުމަށްފަހު ނަސީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ އުހަށް އާދެވުނީ އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅު ދެއްވި ހިތްވަރާއި ދެއްކެވި ނަމޫނާ ސަބަބުން ކަމަށެވެ. އެހެން ކަމުން އެ އެވޯޑަކީ މަންމާފުޅާއި ބައްޕާފުޅުގެ ހައްގެއް ކަމަށްވެސް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ކުރިއަށް އޮތްތާވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ ބޮޑު ހިއްސާއެއް އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މި ސިނާއަތް ރާއްޖެއަށް ގެނައީ ދިވެހިން ކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިން ކުރިއަރާނީ ބޭރުގެ ކުންފުނިތަކުން މި ސިނާއަތުގެ ހިއްސާ ދިވެހިންނަށް ވިއްކަން ފެށުމުން ކަމަށާއި މިއީ އެކަމުގެ ވަގުތު ކަމަށެވެ.

ނަސީމްގެ އިތުރުން މި އެވޯޑު ހަފްލާގައި ވަނީ 25 ކެޓަގަރީ އަކުން ގިނަ ފަރާތްތަކަށް އެވޯޑު ދީފަ އެވެ.