މޯލްޑިވްސް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ "މޯލްޑިވްސް ޓްރެވެލް އެވޯޑްސް 2019" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަޓާޓޯއިން ބުނީ ތިން އެޑިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޓްރެވެލް އެވޯޑްގައި 45 ކެޓަގަރީ އަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި އަހަރުގެ މަޓާޓޯ ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނުން 14 ކެޓަގަރީއަކަށް ފުރުސަތު ހުޅުވާލާފައިވެ އެވެ. ގެސްޓްހައުސް ތަކަށް އެވޯޑު ދިނުމުގައި ބަލަނީ ދުނިޔޭގެ އެންމެ ބޮޑު ޓްރެވެލް ވެބްސައިޓް ޓްރިޕް އެޑްވައިޒާގައި ގެސްޓްހައުސް ތަކަށް ދީފަ ހުންނަ ރޭޓިންގްސް އާއި އާންމުންގެ ވޯޓަށް ބަލާފަ އެވެ.
ރިސޯޓުތަކާއި އެއާލައިންތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ގަލާ އެޑިޝަންގައި 25 ކެޓަގަރީ ހިމެނެ އެވެ. ގަލާ އެޑިޝަނުގައި އެވޯޑު ދިނުމަށް ޓްރެވެލް އެވޯޑްސް އިން އާ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލާނެ އެވެ. އެވޯޑުތަކަށް ނޮމިނޭޓްވުމުގައި 60 ޕަސެންޓް ބަލާނީ ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުން ހިމެނޭ ޖަޖުންގެ ޕެނަލް އަކުންނެވެ. އަދި 40 ޕަސެންޓް ހޮވާނީ އާންމުންގެ ވޯޓުންވެ.
"ދެހާސް ދިހަ ވަަނަ އަހަރުން ފެށިގެން ބާއްވާ ޓްރެވެލް އެވޯޑްސް މިއަދު ވަރަށް ބޮޑަށް ކުރިއަރައިފި އެވެ. ކެޓަގަރީސް ތަކާއެކު ބައިވެރިން ވެސް ގިނަކަން ފާހަގަކުރެވެ އެވެ. އަޅުގަނޑުމެންގެ އުންމީދަކީ ޓްރެވެލް އެވޯޑްސް ވީހާވެސް ފުޅާކޮށް ކުރިއަށް ގެންދިއުމެވެ." މަޓާޓޯ އިން ނެރެފައިވާ ނޫސް ބަޔާނަކަށް އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވި އެވެ.
މި އަހަރުގެ މަޓާޓޯ އެވޯޑްސް ބާއްވަނީ އއ. ތޮއްޑޫގައި އެވެ. އެވޯޑުގައި ބައިވެރިވުމަށް ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެ އެވެ. މިއީ މަޓާޓޯ އިން އިންތިޒާމްކޮށްގެން ޓްރެވެލް އެވޯޑްސް ބާއްވާ އަށް ވަނަ އަހަރެވެ.