ކުޅިވަރު

ގުންޑޮގާން ގައުމީ ޓީމުން ރިޓަޔާކޮށްފި

ޖަރުމަނުގެ ކެޕްޓަން އިލްކާއި ގުންޑޮގާން ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

އުމުރުން 33 އަހަރުގެ މިޑްފީލްޑަރު މި ނިންމުން ނިންމާފައިވަނީ ޖަރުމަނުގެ ގައުމީ ޓީމާއެކީ 82 މެޗު ކުޅެ 19 ލަނޑު ޓީމަށް ކާމިޔާބުކޮށްދިނުމަށް ފަހު އެވެ.

ގުންޑޮގާން އެންމެ ފުރަތަމަ ޖަރުމަނަށް މެޗެއް ކުޅެފައިވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބެލްޖިއަމްއާ ދެކޮޅަށެވެ. ނަމަވެސް މައިބަދައަށް ލިބުނު ގެއްލުމެއްގެ ސަބަބުން 2014ގެ ވޯލްޑް ކަޕްގައި ޖަރުމަނު ސްކޮޑްގައި އޭނާ ހިމަނާފައެއް ނުވެ އެވެ.

“ޖަރުމަނުގެ ގައުމީޓީމަށް 82 މެޗު ކުޅެލަން ލިބުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް. މިއީ އަހަރެން ގައުމީ ޓީމަށް ކުޅެން ފެށިއިރު ކުޅެވޭނެ ކަމަށް އުއްމީދުވެސް ކުރި އަދަދެއް ނޫން،" ގުންޑޮގާން ބުންޏެވެ.

މީގެއިތުރުން ގުންޑޮގާން ވަނީ މި ޓްރާންސްފާ ވިންޑޯގައި އޭނާ މިހާރު ކުޅެމުންދާ ކްލަބް ކަމަށްވާ ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

ސައުދީ އާއި ގަތަރުން ގުންޑޮގާންއަށް އޮފަތައް ހުށަހަޅާފައިވާއިރު އޭނާގެ ކުރީގެ ކްލަބް، ސިޓީއިން ވެސް ގެންދަނީ ގުންޑޮގާން އަނބުރާ އެ ޓީމަށް ގެންދަން މަސައްކަތް ކުރަމުންނެވެ.

ގުންޑޮގާން އެނބުރި ސިޓީއަށް ދިއުމާމެދު ވާހަކަ ދެކެވޭ ކަމަށް އިނގިރޭސި ނޫސްތަކުން ދަނީ ބުނަމުންނެވެ.

ނިމިދިޔަ ސީޒަންގައި ބާސާގެ މެދުތެރޭގައި މުހިއްމު ރޯލެއް އަދާކުރި ގުންޑޮގާން ބާސާގައި މަޑު ކުރާނެ ކަމަށް އެޓީމުގެ ކޯޗު ހަންސީ ފްލިކް އުއްމީދު ކުރެ އެވެ. އޭނާގެ ޕްލޭންގައި ގުންޑޮގާން އަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށް ފްލިކް ބުނެފައި ވެއެވެ.