ދުނިޔެ

ކުއާޓާއެއްގައި އެންމެ ބޮޑު ފައިދާއެއް ހޯދި ކުންފުންޏަކަށް އެޕަލް!

ޕަބްލިކް ކުންފުންޏަކުން ކުއާޓާއެއްގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް ހޯދި ކުންފުންޏަކަށް އެޕަލް ވެއްޖެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަަލަށް ނިމުނު ކުއާޓާގައި އެޕަލް އަށް ވަނީ ސާފު ފައިދާގެ ގޮތުގައި 18 ބިލިއަން ޑޮލަރު ލިބިފަ އެވެ. މީގެ ކުރިން ކުއާޓާއެއްގައި އެންމެ ބޮޑު ނަފާއެއް ހޯދި ކުންފުންޏެއްގެ ގޮތުގައި އޮތީ އެކްސޯންމޮބިލް އެވެ. އެ ކުންފުނިން ހޯދި ފަައިދާގެ މިންވަރަކީ 15.9 ބިލިއަން ޑޮލަރެވެ.

އައިފޯނާއި އައިޕެޑް ފަދަ އުފެއްދުންތަކުން މަގުބޫލުކަން ހޯދާފައިވާ އެޕަލް އަށް މިހާ ބޮޑު ފައިދާއެއް ލިބުމުގެ ފަހަތުގައި ވަނީ ރެކޯޑް މިންވަރަކަށް އައިފޯނު ވިކުމެވެ. އެޕަލް އިން ވަނީ ނިމުނު ކުއާޓާގައި 74.5 މިލިއަން އައިފޯނު ވިއްކައިފަ އެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ އައިފޯނަށް އޮތީ އާދަޔާ ހިލާފް ބޮޑު ޑިމާންޑެއް ކަމަށެވެ. ނަމަވެސް އައިޕެޑްގެ ވިޔަފާރި ދަށަށް ދާން ފެށި ގޮތަށް އަދިވެސް އޮތީ އެގޮތުގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ވަނީ އައިޕެޑްގެ ވިޔަފާރި 18 ޕަސެންޓް ދަށްވެފަ އެވެ.