ވިޔަފާރި

ގްރީން ޓެކްސްއާއެކު މީރާއަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ ފެބުރުއަރީގެ ނިޔަލަށް ބަލައިގަތް އާމްދަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %31.4 އިތުރުވެއްޖެ އެވެ.

މި އަހަރުގެ ފުރަތަމަ ދެ މަހު ޖުމުލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ލިބިފައިވާ ކަމަށް މީރާއިން ވަނީ ބުނެފަ އެވެ.

މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައި ވާ ގޮތުން، ފެބުރުއަރީ މަހު މީރާއަށް ބަލައިގަނެފައި ވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިއީ 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީ އާ އަޅައިބަލާއިރު %66.1 ގެ ކުރިއެރުމެކެވެ. އަދި ފެބުރުއަރީ މަހަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %26.6 އިތުރުވުމެކެވެ. މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 79.8 މިލިއަން ޑޮލަރު ހިމެނޭ ކަމަށް ވެސް ތަފާސް ހިސާބުތަކުގައިވެ އެވެ.

ފެބުރުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީ އިތުރުވެފައިވާތީ ކަމަށް މީރާއިން ބުނެ އެވެ. އެއީ މި އަހަރުގެ ޖަނައަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު %11.7 އިތުރުވުމާއި ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ނުލިބޭ ގްރީން ޓެކްސް މި މަހު ލިބިފައިވުމުން ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ތަފާސް ހިސާބިތައް ދައްކާ ގޮތުގައި، ފެބުރުއަރީ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ %34.7 ނުވަތަ 522.4 މިލިއަން ރުފިޔާ އެވެ. ފެބުރުއަރީ މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ (471.2 މިލިއަން ނުވަތަ %31.3) އިންނެވެ. މީގެ އިތުރުން، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ (277.5 މިލިއަން ރުފިޔާ ނުވަތަ %18.4) އާއި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (77.4 މިލިއަން ރުފިޔާ ނުވަތަ %5.1) އަދި ގްރީން ޓެކްސް (46.6 މިލިއަން ރުފިޔާ ނުވަތަ %3.1) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަކުރެވެއެވެ.