ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދައުލަތާ ދެކޮޅަށް ކޯޓަށް ވަޑައިގަތުމުން އޭޖީ އޮފީހުން އެކަމާ ދެކޮޅު ހަދައި ޝަރީއަތް ހުއްޓުވައިފި އެވެ.
ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އާ ދެކޮޅަށް ނ. މިލަދޫ ޗާންދަނީ ހައުސް އިލްޔާސް އަބްދުއްސަމަދު ދައުވާ ކުރާ މައްސަލައިގައި ހައިކޯޓުގައި ވަކާލާތު ކުރެއްވުމަށް ކޯޓަށް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
މި މައްސަލައިގައި ދައުލަތާ ދެކޮޅަށް އަބްދުއްސައްތާރު ކޯޓަށް ވަޑައިގެންނެވުމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އުފެއްދެވި ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓިއާ ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރެއްވޭނެތޯ އެވެ.
ބެންޗުން އުފެއްދެވި ސުވާލާ ގުޅިގެން އަބްދުއްސައްތާރު ވިދާޅުވީ އޭނާއަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީއާ ދެކޮޅަށް ދައުވާ ކުރުމަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
އަބްދުއްސައްތާރު މުހައްމަދަކީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައިވެސް ހިމެނޭ މެންބަރެއް ކަމުގައިވާތީ ފަނޑިޔާރުންގެ ކުރި މައްޗަށް ވަކާލާތު ކުރުމަށް ވަޑައިގެންނެވުމުގައި މަސްލަހަތު ފުށޫ އަރާތޯވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.
ބެންޗުގެ ސުވާލާ ގުޅިގެން އަބްދުއްސައްތާރު ފުރަތަމަ ވިދާޅުވީ ޖުޑިޝަރީ ކޮމިޓިއަކީ ފަނޑިޔާރުން ޖަވާބުދާރީވާން ޖެހޭ ކޮމިޓީއެއް ނޫން ކަމަށެވެ. އެހެންނަމަވެސް ޖޭއެސްސީ އިން ފަނޑިޔާރުންނާ ގުޅޭ ގޮތުން ނިންމާ ނިންމުންތައް ފުރަތަމަ މަރުހަލާގައި މަޖިލީހުގައި ބަލަނީ ޖުޑިޝަރީ ކޮމިޓީން ނޫންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
މި މައްސަލައިގައި އޭޖީ އޮފީހުގެ ސްޓޭންޑް ހޯދުމަށް ޝަރީއަތް ވަގުތު ކޮޅަކަށް މެދު ކަނޑާލުމަށްފަހު ދައުލަތުން ނެންގެވި ސްޓޭންޑަކީ ދައުލަތުގެ މުއައްސަސާއެއްގައި ހިމެނޭ މީހަކު ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެއްވޭނެ ކަމަށެވެ.
ދައުލަތުން މި ސްޓޭންޑް ނެންގެވުމުން މައްސަލަ މިއަދު މެދުކަނޑާލީ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރުމަށް އަބްދުއްސައްތާރު މުހައްމަދު މައްސަލައިން ތަނާޒުލްވުމުންނެވެ.
މީގެ ދުވަސްކޮޅެއް ކުރިންވެސް ދައުލަތާ ދެކޮޅަށް ޑެޕިއުޓީ މިނިސްޓަރަކު ކޯޓަށް ވަޑައިގެންނެވި މައްސަލައެއް ފެންމަތިވި އެވެ.