މިނިސްޓްރީ އޮފް އެޑިއުކޭޝަން

ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނައުމަށް ބޮޑު މަޝްރޫއެއް

ރާއްޖޭގެ ތައުލީމީ ދާއިރާގެ ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޮޑު މަޝްރޫއެއް މިއަދު އިފްތިތާހުކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި "އެޑިޔުކޭޝަން ޓްރާންސްފޯމޭޝަން އިނީޝިއޭޓިވް"ގެ ނަން ދީފައިވާ މިމަޝްރޫއު އިފްތިތާހްކޮށްދެއްވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.

މިމަޝްރޫއަކީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ)އިން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ތަފާތު ތިން ގްރާންޓެއް ހިމެނޭހެން ދީފައިވާ 9.5 މިލިއަން ޑޮލަރު -- 146.5 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން އެކުލަވާލާފައިވާ މަޝްރޫއެކެވެ.

މީގެ ތެރެއިން ފުރަތަމަ ގްރާންޓަކީ، ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާ ގޮތަށް ހޯދާފައިވާ ފަސް މިލިއަން އެމެރިކާ ޑޮލަރުގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓެވެ.

ދެވަނަ ގްރާންޓަކީ، ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާ ގޮތަށް ހޯދާފައިވާ 1.5 މިލިއަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓެކެވެ.

ތިން ވަނަ ގްރާންޓަކީ، ގްރާންޓް އެޖެންޓެއްގެ ގޮތުގައި ވޯލްޑް ބޭންކު ހަރަކާތެރިވާ ގޮތަށް ހަމަޖެހިފައިވާ ތިން މިލިއަން ޑޮލަރުގެ މަލްޓިޕްލަޔާ ގްރާންޓެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ މި މަޝްރޫއުގެ ވެބްސައިޓާއި އަދި ޕޮރޮގްރާމު ޑޮކިއުމަންޓް އިފްތިތާހް ކޮށްދެއްވާފަ އެވެ.