ރާއްޖެ ކުޅިވަރު

މޮޅު ކުޅުންތެރިއަކަށް އަސަދުﷲ، ކޯޗަށް ސުޒޭން

ދުވަހު ނޫސް ހަވީރުން ހޮވާ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަސަދުﷲ އަބުދުﷲ ދިފާއުކޮށްފި އެވެ.

އޭނާ އަށް މިރޭ އެވޯޑް ހަވާލުކޮށްދެއްވީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަވީރު ސްޕޯޓްސް އެވޯޑް ނައިޓްގައި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އުމަރު ޒާހިރެވެ. މި ހަފުލާގައި ހަވީރުން ވަނީ އުމަރު ޒާހިރު ކުޅިވަރަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަވީރުން ދޭ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީފަ އެވެ.

މިދިޔަ އަހަރުގެ އެންމް މޮޅު ކުޅުންތެރިޔާގެ މަގާމަށް އަސަދުﷲއާ އެންމެ ގާތުން ވާދަކުރީ މިހާރު މާޒިޔާ އަށް ބަދަލުވެފައިވާ ނިއުގެ ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) އެވެ. ތިން ވަނަ ލިބުނީ މާޒިޔާގެ އަހުމަދު ނާޝިދު (ނާއްޓޭ) އަށެވެ.

ސީޒަނުގެ އެންމެ ގިނަ ލަނޑު ޖަހައިން ހަވީރުގެ ރަންބޫޓު ވެސް ހޯދީ އަސަދުﷲ އެވެ. މިއީ އޭނާ މި ބޫޓު ހޯދި ދެ ވަނަ ފަހަރެވެ. އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ލިބުނީ ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށެވެ.

އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ މާޒިޔާގެ ކޯޗު އަލީ ސުޒޭނަށެވެ. އޭނާއާ ވާދަކުރީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމާއި އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) އެވެ. އެންމެ މޮޅު ރެފްރީ އަކީ ޝިފާން އަބުދުއްރަހީމެވެ. އޭނާއާ ވާދަކުރީ އަހުމަދު އަމީޒް އާއި އާދަމް ފަޒީލެވެ.

ހަވީރުން ހޮވާ އެންމެ މޮޅު ބާސްކެޓް ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބުނީ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އަށެވެ. ދެ ވަނަ އަހުމަދު އަބުދުލްކަރީމް (ލޯންގޭ) އަށް ލިބުނުއިރު ތިން ވަނަ ލިބުނީ އަލީ ހުޒާމަށެވެ.

އެންމެ މޮޅު އަންހެން ވޮލީކުޅުންތެރިއަކީ ޕޮލިހުގެ ކެޕްޓަން ހައްވާ ރާޝިދާ އެވެ. އޭނާއާ ވާދަކުރީ އައިޝަތު ޝައްފަ އާއި އައިޝަތު މާޖިދާ އެވެ. ވޮލީގެ އުއްމީދީ ކުޅުންތެރިންނަށް ހޮވުނީ ހަސަން ނިލާމް އާއި ފާތިމަތު ޖޫޒަން އެވެ.

އެންމެ މޮޅު ފިރިހެން ބާސްކެޓް ކުޅުންތެރިއަކީ އިބްރާހީމް ރަޝްވާން އެވެ. އޭނާއާ ވާދަކުރީ މުހައްމަދު ޒިލާލް އާއި އަހުމަދު ޒަބީރެވެ. އެންމެ މޮޅު އަންހެން ބާސްކެޓް ކުޅުންތެރިއަކީ އާމިނަތު ޝިއުރާ އެވެ. އޭނާއާ ވާދަކޮށް ދެ ވަނަ އަށް ދިޔައީ އާމިނަތު ހުސްނާ އާއި ފާތިމަތު ރިޝްމާ އެވެ. ބާސްކެޓުގެ އުއްމީދީ ކުޅުންތެރިންނަކީ ހުސެއިން ހަލީމާއި މަރިޔަމް ޒައިނާ ފިރާގެވެ.

ހަވީރުން ވަނީ ކުޅިވަރުގައި އާދަޔާ ހިލާފު ކާމިޔާބީތަކެއް ހޯދާފައިވާފާތީވެ ދުވުންތެރިޔާ އަހުމަދު އާތިފް އާއި ރާއްޖެ ވަށައި ކަޓަމަރާނެއްގައި ބުރުޖެހި އަބުދުލްގަފޫރު މޫސާ (ގައްބެ) އަދި ސާފް ގޭމްސްއިން ރިހިމެޑަލް ހޯދި ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް އަގުވަޒަނަކުރުމުގެ އިނާމް ދީފަ އެވެ.