ހއ. އުތީމު ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި އިއްޔެ ފެށި ޔުނިޓީ ކަޕުގެ ފުރަތަމަ މެޗު 5-1 އިން ފެނަކަ ކާމިޔާބުކޮށްފި އެވެ.
އެ ޓީމު މި މެޗު މިހާ ތަފާތު ބޮޑުކޮށް ފަހަތުން އަރައި ފެނަކަ ކާމިޔާބު މިކުރީ ބޮޑުތަކުފާނުގެ ހަނދާނީ މަރުކަޒާ ވާދަކޮށެވެ. މި މެޗުގައި ފެނަކަ ޓީމުގެ ފަހު ހަތަރު ލަނޑު ޖެހީ މެޗުގެ ފަހު ހާފުގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފެނަކަ ޓީމުގެ އަބުދުﷲ އިލްހާމެވެ.
ޖުމުލަ ހަ ޓީމު ވާދަކުރާ މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް ބީގައި ހިމެނޭ އުތީމު ކޯޓާއި ސިއްހީ މަރުކަޒެވެ. މި ދެ ޓީމުގެ އިތުރުން ބީ ގްރޫޕުގައި ހިމެނެނީ ގާޒީ ބަންޑާރައިންގެ ސްކޫލެވެ. ގްރޫޕް އޭގައި ފެނަކަ އާއި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އިތުރުން ހިމެނެނީ އުތީމު ކައުންސިލްގެ ޓީމެވެ.
އުތީމުގެ ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ބާއްވާ މި މުބާރާތުގެ ސެމީ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް މެޗު ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.