އިޒުރޭލު ސިފައިން ޣައްޒާ މިސްކިތެއްގައި ގުރުއާން އަންދާ މަންޒަރު، ގަތަރުގެ އަލްޖަޒީރާ ނެޓްވޯކުން އާންމުކޮށްފި އެވެ.
އަލްޖަޒީރާ ޗެނަލުން ބުނި ގޮތުން އެ ނެޓްވޯކަށް ވީޑިއޯ ލިބުނީ ޣައްޒާއަށް ވެއްޓިފައި އޮތް އިޒުރޭލުގެ ޑްރޯނަކުންނެވެ. މިކަހަލަ ބައެއް މަންޒަރުތައް، މަރުވެފައި ތިބި އިޒުރޭލުގެ ސިފައިންގެ ޖީބުން ލިބޭ ކަމަށް ވެސް އަލްޖަޒީރާއިން ބުންޏެވެ.
ވީޑިއޯއިން ފެންނަނީ ހުޅަނގު ޣައްޒާގެ މިސްކިތަކަށް -- ބަލީ ސާލިހް މިސްކިތަށް އިޒްރޭލު ސިފައިން ވަދެގަންނަ މަންޒަރެވެ. އަދި މުސްހަފެއް ނަގައި ގަނޑުތައް ވީދައި އަންދާ މަންޒަރު ވެސް ފެނެ އެވެ.
އަލްޖަަޒީރާ ޓީވީން ދެއްކި އެހެން ވީޑިއޯއެއްގައި، ޚާން ޔޫނިސްގެ މިސްކިތަކަށް އިޒުރޭލު ސިފައިން ވަދެގަނެ އިމާރާތަށާއި ތަކެއްޗަށް ގެއްލުންދޭ ތަން ފެނެ އެވެ. މިއީ 96 އަހަރުވެފައިވާ މިސްކިތެކެވެ.
ގުރުއާން އެނދުމަކީ މުސްލިމުންނަށް ވަރަށް ބޮޑު އިހާނެތިކަމެކެވެ. ހުޅަނގުގެ ބައެއް ގައުމުތަކުގައި -- ފަރަންސޭސިވިލާތުގައި އަދި ޖަރުމަނުގައި ސިޔާސީ ފިކުރުން ބޯގުޑާފައި ތިބި ބަޔަކުވެސް ވަނީ މީގެ ކުރިން ގުރުއާން އަންދާފަ އެވެ.
ގުރުއާން އެންދުމާއި މުސްލިލުންގެ މުގައްދަސް ބިނާތަކަށް، ޣައިރު މުސްލިމުންދޭ ގެއްލުންތަކަށް ބަދަލުހިފުމުގެ ގޮތުން ހުޅަނގުގެ ބައެއް ގައުމުތަކުގައި ހަމަނުޖެހުން ހިނގާފައިވެސް ވެ އެވެ.
އިޒުރޭލު ސިފައިންގެ މި ގޮތްކުޑަ އަމަލާ ބެހޭ ގޮތުން އިޒުރޭލު ސަރުކާރުން އަދި އަސްކަރިއްޔާއިން ވަކި އެއްޗެއް ނުބުނެ އެވެ. އިޒުރޭލުން ގިނަ ފަހަރު ބަލަނީ އަސްކަރިއްޔާގައި ހިންގާ މިފަދަ ގޮތްކުޑަ އަމަލުތައް ފޮރުވޭތޯ އެވެ.
ޣައްޒާ ހަނގުރާމައަށް 10 މަސް ފުރިފައިވާއިރު ޒަޔަނިސްޓުން ވަނީ ޣައްޒާއަށް ވަރަށް ބޮޑެތި ގެއްލުންދީފަ އެވެ. ޔަހޫދީންގެ ހަމަލާތައް މިސްކިތްތަކަށް އަމާޒުކޮށް އަދި ސްކޫލުތަކާއި ރެފިއުޖީ ކޭމްޕްތައް ވެސް ވަނީ އަޅިއަށް ހަދާފަ އެވެ.
ޒަޔަނިސްޓުންގެ އަނިޔާވެރި ހަމަލާތަކުގައި 40،200 އަށް ވުރެ ގިނަ މީހުން ޣައްޒާއިން ވަނީ މަރުވެފަ އެވެ. މަރުވާ މީހުން އާދަޔާ ޚިލާފަށް ގިނަވުމުގެ ސަބަބުން، ސަހަރާތަކުން ޖާގަ ހުސްވެ ވަޅުލާނެ ގޮތެއް ނެތް ގަބުރުތައް ބިންމަތީގައި ކުނިވަމުންދާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.