އާދަމް ޝަރީފު އުމަރު

ހުނަރުހުރި ދާއިރާތަކުން ކިޔެވުން މުހިއްމު: އާދަމް ޝަރީފް

ޓެސްޓުތަކުން ފާސްވުމުން ލިބޭ ނަތީޖާއިން ދިރިއުޅުމަށް ބޭނުންވާ ހުނަރެއް ނުލިބޭ ކަމަށާއި އެމީހެއްގެ ހުނަރު ހުރި ދައިރާއަކުން ކިޔެވުން މުހިއްމު ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހަމައެކަނި ޓެސްޓުތަކުން ފާސްވެގެން ލިބޭ ނަތީޖާއަކުން އިންސާނަކު ދިރިއުޅެން ބޭނުންވާ އެންމެހާ ހުނަރުތަކެއް ނުލިބޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ އިންސާނަކުވެސް އެމިީހަކު ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުސަތު އޮންނަނީ ފުޅާވެފައި ކަމަށާއި ހަމައެކަނި ސްކޫލުތަކުން ކިޔަވައިދޭ އެއްޗެއްގެ އިތުރުން އެކި ފަންނީ ދައިރާތަކުން ކިޔެވުމަކީސް މުހިއްމު ކަމެއް ކަމަށެވެ.

އެކަމަށް ބާރުއެޅި ނަމަވެސް ރާއްޖޭގައި ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތައް ހަނިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކި ދާއިރާތަކުން ހުނަރުތައް ދަސްކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެ ހުނަރުތައް ބޭނުންކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި އެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ އެކަމާމެދު ވިސްނާ ފިކުރުކުރަން ޖެހޭ މުހިއްމު ކަމެއް،" މިނިސްޓަރު ވިިދާޅުވި އެވެ.

މި ޖަލްސާގައި މިނިސްޓަރު ވަނީ އެ ސްކޫލުގެ ބެސްޓް އޯލް ރައުންޑުކަން ހާސިލްކުރި ދަރިވަރު ކަމަށްވާ އަހްމަދު ޒާހް ވަދީފަށް ސެޓްފިކެޓާއި، ޓްރޮފީއާއި، ގާސިމް އިބްރާހިމް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އިނާމު ދިނުމުގެ އިތުރުން ފަށްޓަރު އަޅުއްވާ ދެއްވާފަ އެވެ.