ދުނިޔެ

"ހަނގުރާމަ ހުއްޓާލަށް އެއްބަސްނުވެވިގެން އުޅެނީ ނަތަންޔާހޫ ބޮޑާހާކާވަރުން"

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ކަނޑައެޅި ޝަރުތުތަކަށް ހަމާސްއިން މެއި މަހު އެއްބަސްވެފައި ކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެ އެވެ. މި ރިޕޯޓްތައް ބުނާ ގޮތުން ހުރިހާ ވެސް މައްސަލަ އަކީ ނަތަންޔާހޫގެ ދެކޮޅުވެރިކަމެވެ.

ހަނގުރާމަ ހުއްޓާލަން ނަތަންޔާހޫ ވެސް ބޭނުންވާ ކަމަށް މި ރިޕޯޓްތަކުގައި އޮތީ ބުނެފަ އެވެ. އެކަމަކު ބޭނުންނުވާ ކަމަށް ހެދިވަޑައިގެން އިތުރު ޝަރުތުތައް ދައްކަވައި ބަހަނާދައްކަވަން ހަދައިގެން ކޮޅެއްގައި ނުޖެހި މަސްރަހު ނުރައްކަލަށް ހުށަހެޅިފައި އޮތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހަމާސްއާ އިޒުރޭލާ ދެމެދު މިސްރުގެ ވެރިރަށް ގާހިރާގައި މަޝްވަރާތަކެއް ފެށިދާނެ ކަމަށް މިހާރުވެސް އޮތި ބެލެވިފަ އެވެ. ގަތަރާއި މިސްރުގެ ވަރަށް ބުރަ މަސައްކަތުން ބާއްވާ މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވިގެން އުޅެނީ ޔަހޫދީންގެ މަކަރުވެރިކަމުން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އިޒުރޭލުން އެއްފަހަރު އެއްބަސްވާ އެއްބަސްވުންތައް، ކުޑައިރުކޮޅެއްގެ ތެރޭގައި ބަދަަލުކުރާ ކަމަށް ހަމާސްގެ އޮފިޝަލުން ބުނެ އެވެ. އަދި އެމެރިކާއިން ހުށަހަޅާފައި ހުރި ނުކުތާތަކަށް، ދެކޮޅުން އެއްބަސްވުމަށް ފަހު ދެން ފެންނަނީ އެއްބަސްވުންތަކަށް ނޫނެކޭ ބުނާތަން ކަމަށް ވެސް ހަމާސްއިން ބުންޏެވެ.

ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވި ބައެއް އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނާ ގޮތުން ސުލްހައިގެ އެއްބަސްވުންތަކުގެ ވަކިވަކި މާއްދާތަކަށް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަމިއްލަށް ބަދަލުގެންނަވާފަ އެވެ.

އިޒުރޭލުގެ އަސްކަރިއްޔާ އަދި ކެބިނެޓްގެ ވަޒީރުންނާ މަޝްވަރާކުރެއްވުމެއް ނެތި އަމިއްލަ އަމިއްލައަށް ބަދަލުތައް ހުށަހަޅުއްވާފައިވާ ކަމަށް ވެސް ނިއުޔޯކް ޓައިމްސްގައި ވަނީ ބުނެފަ އެވެ.

ހަމާސް އާއި އިޒުރޭލުން ކުރިން އެއްބަސްވި މާއްދާތަކުގެ ތެރެއަށް މާއްދާތައް އިތުރުކޮށް ޣައްޒާގައި ޒަޔަނިސްޓުންގެ ބާރު ގަދަވާ ގޮތަށް ގެނެފައި ހުރި ބަދަލުކަތަށް ރުހުން ނުދޭނެ ކަމަށް ހަމާސްއިން ވަނީ ބުނެފަ އެވެ.

ހަމާސްއިން ބުނާ ގޮތުން އެ ޖަމާއަތުން ރުހުންދިނީ އެމެރިކާއިން ހުށަހެޅި އެއްބަސްވުމަށެވެ. އެ އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުގެނެސް ބަލައިގަނެވިދާނެ ކަމަށް އެ ޖަމާއަތުން ބުންޏެވެ.