ލުބްނާނަށް ހަމަލާދޭން އިޒުރޭލުން ރާވާފައި އޮތް ގޮތް އެމެރިކާއާ ހިއްސާކޮށްފި އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ހުއްދާއާ ނުލައި ޒަޔަނިސްޓުން ލުބްނާނަށް ހަމަލާއެއް ނުދޭނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލުބްނާނަށް ހަމަލާދޭން އެންމެ ރަނގަޅު ވަގުތަކީ ރޭގަނޑު ކަމަށް އެމެރިކާއަށް ވަނީ އަންގާފަ އެވެ. އެމެރިކާއަށް މި ގޮތް ކަމުހިނގައްޖެ ނަމަ، ކުރިއަށް އޮތް ކޮންމެ ރެއަކީ ލުބްނާނަށް ހަނގުރާމަވެރި ރެއަކަށް ވާނެ އެވެ.
ލުބްނާނަށް ހަމަލާދިނުމުގައި އަމަލީ ގޮތުން އެމެރިކާ ބައިވެރިނުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް، ހަމަލާތައް ރާވާނެ ގޮތާއި އިންޓެލިޖެންސް އިޒުރޭލަށް ފޯރުކޮށްދޭނެ ކަމަށް ވެއެވެ.
އިޒުރޭލުން ލުބްނާނަށް ހަމަލާތައް ދޭއިރު އެމެރިކާގެ ކޮމާންޑަރުން އޮންލައިކޮށް ތިބޭނެ އެވެ. އަދި އެ ސަރަހައްދަށް ފޮނުވާފައިވާ މަތިންދާބޯޓު އުފުލާ މަނަވަރުތައްވެސް އިޒުރޭލުގެ ހިމާޔަތުގައި އޮންނާނެ އެވެ.
އިޒުރޭލުގެ ފައިޓަރު ޖެޓްތައް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކަށް ޖައްސައި ތެޔޮއެޅުން ފަދަ ޒަރޫރީ ބޭނުންތައް ފުއްދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އެކަމަކު އިޒުރޭލުގެ ފައިޓަރު ޖެޓުތަކާ އެކު އެމެރިކާގެ ފައިޓަރު ޖެޓްތައް ބައިވެރި ނުވާނެ ކަމަށް ވެސް ބުނެވެ އެވެ.
ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ބުނާ ގޮތުން އިޒުރޭލަށް ހަމަލާދޭން ޖެހެނީ އެ ޖަމާއަތުގެ ވަރަށް ސީނިއަރު ކޮމާންޑަރެއް ކަމަށްވާ ވުއާދު ޝުކޫރު މަރާލާފައި ވާތީ އެވެ.
ކޮމާންޑަރުގެ މަރަށް ބަދަލުހިފުމުގެ ގޮތުން އާދީއްތަ ދުވަހު ހިޒްބުﷲ އިން 320 ރޮކްޓް އިޒުރޭލަށް ފޮނުވި ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ. ނަމަވެސް، އިޒުރޭލަށް ބޮޑު ގެއްލުމެއް ލިބޭ ވަރެއް ނުކުރެވެ އެވެ.
ހިޒްބުﷲ އިން އިޒުރޭލަށް ދިން ހަމަލާތަކަށް ބަދަލުހިފުމަށް 100 އެއްހާ ފައިޓަރު ޖެޓު ލުބްނާންގެ މަތިން ވަނީ އުދުހިފަ އެވެ. އަދި 1،000 އަށް ވުރެ ގިނަ ތަންތަނަށް ހަމަލާދީފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.