ދުނިޔެ

ޓެލެގްރާމްގެ ސީއީއޯ ދޫކޮށްލުމަށް އިލޮން މަސްކް ގޮވާލައިފި

އެކްސްގެ ސީއީއޯ އަދި ބިލިއަނަރު އިލޮން މަސްކް ވަނީ ޓެލެގްރާމްގެ ސީއީއޯ ޕަވެލް ދޫރޮވް ދޫކޮށްލުމަށް ގޮވާލާފަ އެވެ. މަސްކް އެގޮތަށް ގޮވާލާފައިވަނީ ފަރަންސޭސިވިލާތުގައި ދޫރޮވް ހައްޔަރުކުރުމާ ގުޅިގެންނެވެ.

ފްރާންސާއި ރަޝިއާގެ ރައްޔިތުކަންވެސް އޮންނަ ދޫރޮވް ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ޕެރިސް ކައިރީގައިވާ ލޫ ބޫޖޭ އެއާޕޯޓަށް ދިއުމުން އެ ތަނުންނެވެ.

އޭނާ ހައްޔަރުކުރީ ޓެލެގްރާމް މެދުވެރިކޮށް ގާނޫނާއި ހިލާފު ހަރަކާތްތައް ހިންގާކަމުގެ ތުހުމަތުތަކާ ގުޅުންހުރި ކަންތައްތަކަކާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިކަމާ ގުޅިގެން މަސްކް ވަނީ އެކްސްގައި "ލިބަރްޓޭ ލިބަޓޭ! ލިބަޓޭ؟" މިގޮތަށް ގޮވާލާފަ އެވެ. ލިބަޓޭގެ ތަރުޖަމާ އަކީ "ދޫކޮށްލާ" މިއެވެ. އަދި ދޫރޮވް ހައްޔަރުކުރި ހަބަރު ހިއްސާކުރުމާއެކު، މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ކަމަށް ދޭހަވާ ގޮތަށް ކަންބޮޑުވުން ފާޅުކޮށްކޮށްފައި ވެއެވެ.

ޓެލެގްރާމްގައި މާމަދުން ކޮންޓެންޓް ފިލްޓަކުރާތީ، އެ އެޕްލިކޭޝަން މެދުވެރިކޮށް ހިންގާ ގާނޫނާ ހިލާފު އަމަލުތައް އިތުރުވެފައިވާ ކަމަށް ބުނެ ފާޑުކިޔުންތައް ކުރިމަތިވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. މީގެ ތެރޭގައި ފައިސާ ދޮވުމާއި، މަސްތުވާތަކެތީގެ ވިޔަފާރި އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް ހިމެނެ އެވެ.

ކޮންޓެންޓް މޮޑަރޭޓްކުރުމަށް ބައެއް މަސައްކަތްތައް ކުރި ނަމަވެސް، ޓެލެގްރާމަށް ވަނީ ގާނޫނާ ހިލާފު ހަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ހުއްޓުވުމަށް ދަތިވެފަ އެވެ.