ޓެލެގްރާމްގެ ބާނީ ޕަވެލް ޑުރޯފް ފަރަންސޭސިވިލާތަށް ވަޑައިގަތުމަށް ދައުވަތު ނުދެއްވާ ކަމަށް ފަަރަންސޭސި ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.
މެކްރޮން ވިދާޅުވި ގޮތުގައި ޑުރޯފަށް ފަރަންސޭސި ރައްޔިތުކަން ދިނީ އޭނާގެ ސަރުކާރުންނެވެ. އެކަމާ ދެކޮޅު ނުހައްދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އަމިއްލަ ގޮތުން އަދި ރަސްމީ ގޮތުންވެސް ޑުރޯފަށް ދައުވަތު ދެއްވާފައި ނުވާނެ ކަމަށް މެކްރޮން ވިދާޅުވި އެވެ.
ފަރަންސޭސި ރައީސް މި މޭރުމުން ބަސްވިދާޅުވި ސަބަބަކީ، ޓެލެގްރާމްގެ ބާނީ ފަރަންސޭސި ފުލުހުން ހައްޔަރުކުރުމާ ގުޅިގެން އުފެދިފައި ހުރި އުދާސްތައް އޭނާއަށް އަމާޒުވުމާ ގުޅިގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނެވުމަށް ފަހު، ޓެލެގްރާމްގެ ބާނީ އަދި ސީއީއޯ ޕަވެލް ޑުރޯފް ފަރަންސޭސިވިލާތަށް ވަޑައިގަތީ ރައީސް މެކްރޮން ދެއްވި ދައުވަތަކަށެވެ.
މެކްރޮންގެ ދައުވަތު ގަބޫލުކުރައްވައި ޑުރޯފް ފަރަންސޭސިވިލާތަށް ވަޑައިގަތުމުން އެއާޕޯޓުން އޭނާ ހައްޔަރުކުރުމަކީ ބޮޑު އޮޅުވާލުމެއް ކަމަށް ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދަނީ ވާހަކަދައްކަމުންނެވެ.
ފަރަންސޭސި ފުލުހުން ޑުރޯފް ހައްޔަރުކުރި ދުވަހަކީ މެކްރޮންއާ އެކު ހާއްސަ ފަރީއްކޮޅެއް އޮތް ދުވަހެއް ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
މިވާހަކަތައް ދޮގުކުރައްވައި މެކްރޮން ވިދާޅުވީ ޑުރޯފް ފަރަންސޭސިވިލާތަށް ވަޑައިގަންނަވާކަން އޭނާއަށް އެނގިވަޑައިގެންފައިވެސް ނެތް ކަމަށެވެ.
ރިޔާސީ ގަނޑުވަރު އެލީސީ ޕެލަސްގައި ހާއްސަ ފަރީއްކޮޅެއް ހަމަޖައްސާނީ އޭނާގެ ވިދާޅުވުމެއް އޮވެގެން ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ. އެކަމަކު އެފަދަ އެއްވެސް ކަމެއް އެ ދުވަހު ހިނގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ޕަވެލް ޑުރޯފްގެ މައްޗަށް ޖިނާއީ ބޮޑެތި ދައުވާތަކެއް އުފުލުމަށްފަހު މިހާރު ހުންނެވީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. ނަމަވެސް ފަރަންސޭސިވިލާތުން ފުރުން އޮތީ މަނާކޮށްފަ އެވެ.