ޑރ. މުހައްމަދު މުއިއްޒު

އިންވެސްޓުކުރާނެ ހަބަކަށް ޑިވެލޮޕްމަންޓް ބޭންކް ވެގެންދާނެ: ރައީސް

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ވެގެންދާނި އެކި ދާއިރާތަކަށް އިންވެސްޓުކުރާ ހަބަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އަލަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއާމަން އަދި ސީއީއޯ ކަމަށް ޢައްޔަނުކުރާ ބޭފުޅުންނާ ބައްދަލުކުރައްވުމުގެ ކުރިން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭންކް ހުޅުވުމަކީ ވަރަށް ތާރީހީ ކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މި ބޭންކަކީ ރާއްޖޭގެ އެކި ދާއިރާތަކުގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ހަބެއްގެ ގޮތުގައި ވެގެން ދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އިތް ދުވަސްތަކަކީ ރާއްޖޭގައި ޑވެެލޮޕްމަންޓް ބޭންކް ގާއިމުކުރެވި، އެ މަސައްކަތް ފަށައިގަނެ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓުތައް ހެދުމަށާއި، ރިނިއުވަބަލް އެނާޖީގެ ދާއިރާއިންނާއި އެކި ދާއިރާިތަކުން ރާއްޖޭގައި އިންވެސްޓުކުރާނެ ފަރާތްތަކަށް ހަބެއް ގޮތުގައި ބޭންކް ވެގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑެވެލޮޕްމަންޓް ބޭންކް ހުޅުވުމަކީ ސަރުކާރުގެ މެނިފެސްޓޯގައި އޮތް އެންމެ މުހިންމު އެއް ވައުދު ކަމަށާއި އެއީ ރާއްޖޭގެ އިގްތިސާދު ފުޅާ ކޮށް، ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި ސީއީއޯގެ މަގާމަށާއި ޗެއާމަން ގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޖުރިބާކާރު ބޭފުޅުން ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވަފަ އެވެ.

ޑެވެލޮޕްމަންޓް ބޭންކުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާއިރު، ބޭންކުގެ ލައިސެންސް ވެސް މި ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.