މުހައްމަދު ސައީދު

ޑިވެލޮޕްމަންޓް ބޭންކްގެ މަސައްކަތްތައް ސައީދު ބައްލަވާލައްވައިފި

ރާއްޖޭގައި އަލަށް ގާއިމުކުރާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމްއެލް)ގެ އިމާރާތުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްލަވާލައްވައިފި އެވެ.

ޑިވެލޮޕްމަންޓް ބޭންކް ގާއިމުކުރަނީ ޗާންދަނީމަގާއި އަމީރު އަހުމަދު މަގު ގުޅޭ ހަތަރުއަނގޮޅީގައި ހުންނަ އެލައިޑް ބިލްޑިންގެ ތިރީގަ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި ބޭންކްގެ ސީއީއޯ އާއި ޗެއާޕާސަންގެ މަގާމަށް މިހާރު ވަނީ ބޭފުޅުން އައްޔަންކުރައްވާފަ އެވެ.

އެގޮތުން ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ އެވެ. އަދި ޗެއާމަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީ އެވެ.

ބޭންކުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރެއްވި އަރޫނީއަކީ ބައިނަލްއަގްވާމީ މާލީ މާކެޓުގައި 25 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ.

އާނާއަކީ ބިޒްނަސް އޮރިޖިނޭޝަނާއި، ގަވާނެންސް، ކްރެޑިޓް އެސެސްމަންޓާއި، ކުރިއަރަމުން އަންނަ މާކެޓުތަކުގައި ރިސްކް މެނޭޖްމަންޓަށް ހާއްސަ ބޭފުޅެކެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ މައުލޫމާތު

މި ބޭންކްގެ ލައިސަންސް ހޯދުމަށް އެމްއެމްއޭ އަށް ހުށަހެޅީ މިދިޔަ ޖުލައި 28 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށްޓަކައި "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް"ގެ ނަމުގައި ކުންފުނީގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުނި އުފެއްދެވީ މިއަހަރުގެ މެއި 16 ވަނަ ދުވަހު އެވެ.