ހަބަރު

ހުންނާނީ ރައީސް ޔާމީނާއެކު، ރިޔާސީ ރޭހަށް ނުކުންނާނީ 2023 ގައި: އުމަރު

Mar 11, 2016
1

ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރެއްވެވި އުމަރު މިހެން ވިދާޅުވީ ވީޓީވީން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "ހަމީދުގެ މެހެމާންސަރާ" ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރެއްވި ފުރަތަމަ ބޭފުޅާ އެވެ.

މިނިސްޓަރު އުމަރު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައިގެން ހުންނެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީން ދެ ދައުރުގައި ވެރިކަން ކުރެއްވުމަށްޓަކައި އެމަނިކުފާނަށް ދެއްވަންޖެހޭ ކޮންމެ އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އުމަރުގެ ހިދުމަތަށާއި އެހީތެރިކަމަށް ރައީސް ޔާމީން ބޭނުންފުޅުވެ ވަޑައިގަންނަވާ ކޮންމެ ވަގުތެއްގައި ރައީސް ޔާމީނާއެކުގައި ހުންނަވާ ސަރުކާރަށް ހިދުމަތް ކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ގަސްދު ކޮށްގެން މިހުރީ އިރާދަކުރެއްވިއްޔާ 2023 ގައި [ރައީސްލްޖުމްހޫރިއްޔާ ކަމަށް] ކުރިމަތިލާން. އެހާތަނަށް އަޅުގަނޑުގެ އުމުރު ތަންދޭނަމަ އެކަން ކުރާނަން،" މި ޖަވާބު އުމަރު ދެއްވީ ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލުމާއި ގުޅޭގޮތުން ޕްރަގްރާމްގެ ޕްރެޒެންޓަރު އަހުމަދު ހަމީދު އާދަމް ކުރެއްވި ސުވާލަކާ ގުޅިގެނެވެ.

ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރި ސަބަބާއި ގުޅޭގޮތުން ވެސް އުމަރު ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ އެފަހަރުވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ގައުމަށް ހެޔޮ ބަދަލްތަކެއް ގެނައުމުގެ އުންމީދުގައި ކަމަށެވެ.

"ޕާޓީ އުފެއްދިއިރު ވެސް އެނގޭ އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރިިއިރުވެސް އިނގޭ ނުހޮވޭނެކަން. ނަމަވެސް ބޭނުންވީ ހެޔޮ ބަދަލްތަކަށް އަޑު އުފުލަން،" މިނިސްޓަރު އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މީގެ އެތައް އަހަރެއް ކުރިިން އޭނާ ވަކާލާތުކުރަމުން އައި ކަންކަން މިއަދު ރައީސް ޔާމީންގެ ސަރުކާރުގައި ތަންފީޒްވަމުން އަންނަ ކަމަށާ އެއީ ސަރުކާރުން ހޯދަމުން އަންނަ އެންމެ ބޮޑެތި ކާމިޔާބީތައް ކަމަށެވެ.

ރައީސް ޔާމީނާ ސިޔާސީ ގޮތުން ވާދަވެރި ކަމެއް ކުރިން އޮތް ނަމަވެސް މިހާރު އެމަނިކުފާނުގެ ވަރަށް އަރިސް މިނިސްޓަރަކަށް ވެވަޑައިގެންފައިވާ އުމަރު ވިދާޅުވީ ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ވޭތިވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ ހެޔޮ ބަދަލުތަކެއްގެ ތެރެއަށް ރާއްޖެ ގެންގޮސްދީފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރުކަމާއި ހަވާލްވެވަޑައިގެންނެވި ސަބަބާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތްކުރީ އިހްލާސްތެރިކަމާއެކުގައި ކަމަށާ އެހެންކަމުން ސަރުކާރު ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި މިނިސްޓަރުކަމާއި ހަވާލްވާން އޭރު ބޭނުންފުޅުވީ ކަމަށެވެ.

"އަޅުގަނޑު ވަރަށް ސާބިތުކަމާއެކު އަދި އެހާމެ އިޚްލާސްތެރިކަމާއެކު ރައީސް ޔާމީނާއިއެކު މަސައްކަތް ކުރަމުން މިގެންދަނީ." އުމަރު ވިދާޅުވި އެވެ.