ފަހި ދިރިއުޅުން ކޯޕަރޭޝަން

އަމަލުކުރަނީ މިނިސްޓްރީ އަންގާ ގޮތަށް: އެފްޑީސީ

ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތަކާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަމަލުކުރަނީ މިނިސްޓްރީން އަންގާ ގޮތަށް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން މިހެން ބުނީ "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4،000 ހައުސިން ޔުނިޓް މަޝްރޫއުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ޔުނިޓްތަކުގެ އެއްބަސްވުމާއި ޔުނިޓްތައް ހަވާލުކުރުމާ ބެހޭގޮތުން ގިނަ ބަޔަކު މައުލޫމާތު ހޯދުމަށް ހުށަހަޅަމުންދާތީ މިއަދު ނެރުނު ބަޔާނެއްގައެވެ.

އެފްޑީސީ އިން ބުނީ އެ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓް ލިބޭ ފަރާތްތަކަށް ލިބޭނެ ޔުނިޓެއް ކަނޑައެޅުމަކީ ހައުސިން މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތަކަށް ވާތީ އެކަމާ ބެހޭ އެންމެހާ ކަންކަމުގައި އެ ކުންފުނިން އަމަލުކުރާނީ މިނިސްޓްރީން އަންގާ ގޮތުގެ މަތިން ކަމަށެވެ.

"ހައުސިން މިނިސްޓްރީން މީގެކުރިން ވަނީ ޔުނިޓް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް މަޑުޖައްސާލުމަށް މި ކޯޕަރޭޝަނަށް އަންގާފައި،" އެފްޑީސީ އިން ބުންޏެވެ.

އެފްޑީސީ އިން ބުނީ ފްލްޓްތަކާ ގުޅޭގޮތުން ކުރާ އެންމެހާ މުއާމަލާތްތައް ކުރިއަށް ގެންދެވޭނީ މިނިސްޓްރީން ވަކި ގޮތެއް އެންގުމުން ކަމަށެވެެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމާ ބެހޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވީ އޮކްޓޫބަރު މަހުގެ ތެރޭގައި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު ނެރޭނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެފްޑީސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް ހަދަމުންދާއިރު މީގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.