ދުނިޔެ

ޑުރޯފްއަށް ޒިޔާރަތްކުރެވޭ ގޮތް ހަދައިދޭން ޔޫއޭއީ އިން އެދިއްޖެ

ފަރަންސޭސިވިލާތުގައި ހައްޔަރުކޮށް އަދި ފަހުން މުއްދަތު އިތުރުކޮށްފައި ހުންނެވި ޓެލެގްރާމްގެ ބާނީ ޕަވެލް ޑުރޯފްއަށް ޒިޔާރަތްކުރުމުގެ ހުއްދައަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެދިއްޖެ އެވެ.

ފަރަންސޭސި އިދާރާތަކަށް ޔޫއޭއީ އިން ފޮނުވި ބަޔާނެއްގައި ބުނެފައިވާ ގޮތުން ބަޔާންވެފައި ނެތް ސަބަބަކާ ނުލައި އެ ގައުމުގެ ރައްޔިތަކު ބޭރު ގައުމެއްގައި ހައްޔަރުކޮށްފައި އަދި ހިފަހައްޓާފައި ބެހެއްޓުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

ޕަވެލް ޑުރޯފްގެ އަތުގައި ޔޫއޭއީ، ރަޝިއާ އަދި ފަރަންސޭސިވިލާތުގެ ރައްޔިތުކަން އޮވެ އެވެ. ފަރަންސޭސި ސިފައިން އޭނާ ހައްޔަރުކުރީ ވެސް ދުބާއީގައި ހުންނެވުމަށްފަހު އަމިއްލަ ޖެޓެއްގައި ޕެރިހަށް ވަޑައިގަތް ތަނުން -- އެއާޕޯޓުންނެވެ.

ޔޫއޭއީ އިން ފަރަންސޭސި ސަރުކާރަށް ހުޅަހެޅި ލިޔުންތަކުގައި އެދިފައިވަނީ އެ ގައުމުގެ ރައްޔިތަކަށް ފޯރުކޮށްދޭން ޖެހޭ އަސާސީ އެހީތެރިކަން ކަށަވަރުކުރުމަށެވެ. އަދި ޑުރޯފްއަށް ބޭނުންވާ ހުރިހާ ކަމެއް -- ހުރިހާ އެއްޗެއް ފޯރުކޮށްދިނުމަށް ވަނީ އެދިފަ އެވެ.

އިންސާނެއްގެ ހައިސިއްޔަތުން އޭނާ ބޭނުންވާނެ ކިތަންމެ އެއްޗެއް ހުންނާނެ ކަމަށް ޔޫއޭއީ އިން ބުންޏެވެ. އަދި ޑުރޯފް އަކީ އާދައިގެ ފެންވަރުގެ މީހެއް ނޫން ކަމަށްވެސް އެ ގައުމުން ބުންޏެވެ.

ޔޫއޭއީ އިން ބުނީ މަތީ ފެންވަރުގެ ދިރިއުޅުމެއް އުޅޭ މީހަކަށް އިހާނެތިކޮށް ހިތުމަކީ އެކަށީގެން ނުވާ ކަމެއް ކަމަށެވެ. އޭނާގެ މައްޗަށް ކުށެއް ސާބިތުވެފައި ނުވަނީސް ހައްޔަރުކޮށްފައި ގިނަ ދުވަހު ނުބެހެއްޓޭނެ ކަމަށްވެސް ޔޫއޭއީ ސަރުކާރުން ދެކެ އެވެ.

ޓެލްގްރާމްގެ ސީއީއޯ ފަރަންސޭސި ސަރުކާރުން ހައްޔަރުކުރުމާ ގުޅިގެން މުޅި ދުނިޔެ އޮތީ ނުތަނަވަސްކަމުގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައި ކަމަށްވެސް ގިނަ ބަޔަކު ބުނެ އެވެ.

އެމެރިކާގެ ވިޔަފާރިވެރިޔާ އީލޮން މަސްކް ވިދާޅުވި ގޮތުގައި ޑުރޯފް ހައްޔަރުކުރި ސަބަބު، ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން ވިދާާޅުވާން ޖެހެ އެވެ. އޭނާގެ ހާލަތަށް މެކްރޮން ޒިންމާވެވަޑައިގަންނަވަން ޖެހޭނެ ކަމަށްވެސް މަސްކް ވިދާޅުވި އެވެ.

ފަރަންސޭސިވިލާތުގައި ހުންނަ ރަޝިއާ އެމްބަސީގެ އޮފިޝަލުންނަށް ވެސް ޑުރޯފްއަށް ޒިޔާރަތްކުރުމަށް ފަރަންސޭސި ސިފައިން ހުއްދައެއް ނުދިނެވެ. ރަޝިއާއިން ވެސް ވަނީ ރަސްމީކޮށް ފަރަންސޭސި ސަރުކާރަށް މި މައްސަލަ ހުށަހަޅާފަ އެވެ.