ރާއްޖެ ކުޅިވަރު

ދެ ވަނަ މެޗު ފަސޭހަ ކަމާއެކު ކޯޓަށް

އުތީމުގައި ކުރިއަށްދާ ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގެ ދެ ވަނަ މެޗު ސިއްހީ މަރުކަޒާ ބައްދަލުކޮށް، 4-0އިން އުތީމު ކޯޓު މިއަދު ކާމިޔާބުކޮށްފި އެވެ.

ގްރޫޕްބީގެ ފުރަތަމަ މެޗުގައި މިއަދު ފުރަތަމަ ގޯލު ޖެހީ ކޯޓުގެ ޝިފާޒެވެ. އަނެއް ތިން ލަނޑު އަލީ އަސްލަމާއި އަހުމަދު އަދި ހުސައިން ނައުޒީން ޖެހީ ފަހު ހާފުގަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ކޯޓުގެ މުހައްމަދު އާސިފެވެ.

ޖުމުލަ ހަ ޓީމު ވާދަކޮށް، ދެ ގްރޫޕަކަށް ބަހާލައިފައިވާ މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އޭގެ މެޗެވެ. ބައްދަލުކުރާނީ އުތީމު ކައުންސިލާއި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ޓީމެވެ. މުބާރާތް ހުޅުވަން ބުރާސްފަތި ދުވަހު ކުޅުނު މެޗުން ހަނދާނީ މަޒުކަޒު ބަލިވީ ފެނަކަ ކޯޕަރޭޝަނާ ވާދަކޮށް، 5-1އިންނެވެ. މިހެންވެ މުބާރާތުގެ ސެމީ އަށް ދިއުމަށް މާދަމާގެ މެޗަކީ ހަނދާނީ މަރުކަޒަށް ވަރަށް މުހިންމު މެޗެކެވެ.

އުތީމު ކައުންސިލުން އިންތިޒާމްކޮށް، އެސްޓީއޯއިން ސްޕޮންސާކޮށްފައިވާ މި މުބާރާތުގެ ސެމީ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ތާރީހުގައި މުހިންމު ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ، އަދި މުހިންމު ބިނާތަކެއް ހުރި އުތީމަކީ އާބާދީގައި ގާތްގަނޑަކަށް ހާހެއްހާ މީހުން ދިރިއުޅޭ ރަށެވެ. މިއީ އެ ރަށު ކައުންސިލުން މި މުބާރާތް ބާއްވާ ދެ ވަނަ އަހެރެވެ.