ކުޅިވަރު

ފުޓްބޯޅައިން ރިޓަޔާ ކުރާނީ އަލް ނަސްރުގައި: ރޮނާލްޑޯ

ޕޯޗުގަލްގެ ފުޓުބޯޅަ އައިކަން އަދި ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ރިޓަޔާ ކުރާނީ މިހާރު އޭނާ ކުޅޭ އަލް ނަސްރުގައި ހުރެ ކަމަށް ރޮނާލްޑޯ ބުނެފި އެވެ.

އުމުރުން 39 އަހަރުގެ ރޮނާލްޑޯ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެހާ އަވަހަށް ކުޅުން ހުއްޓާ ނުލިޔަސް އަދި ގާތްގަނޑަކަށް ދެތިން އަހަރު ފަހުން ކުޅުމާ ދުރުވާއިރު ހުންނާނީ ހަމަ އަލް ނަސްރުގައި ކަމަށެވެ.

އަލް ނަސްރަށް މިދިޔަ އަހަރުން ފެށިގެން ކުޅެމުން އަންނަ ރޮނާލްޑޯ ވަނީ 44 މެޗު ކުޅެ 44 ގޯލް އެޓީމަށް ކާމިޔާބުކޮށްދީ 14 ލަނޑު ޖެހުމަށް އެހީތެރިވެ ދީފަ އެވެ.

ރޮނާލްޑޯ ބުނީ އަލް ނަސްރުގައި ހޭދަވި ދުވަސްތައް ވަރަށް އުފާވެރިކަމަށާއި ސައުދީގައި ކެރިއަރު ނިންމާލަން ބޭނުންވާ ކަމަށެވެ.

ރޮނާލްޑޯގެ ފުޓުބޯޅަ ހަޔާތް ފަށާފައިވަނީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ގައެވެ. އަދި އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޔުވެންޓަސް ފަދަ މަޝްހޫރު ކުލަބުތަކަށްވެސް ކުޅެފައިވެ އެވެ.

މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ކުޅުންތެރިޔާގެެ ރެކޯޑް އޮތް ރޮނާލްޑޯ ވަނީ 898 ގޯލު ކާމިޔާބުކޮށްފަ އެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލެން ޑޯ ވެސް ފަސް ފަހަރު ރޮނާލްޑޯ ހޯދާފައިވެ އެވެ. މީގެ އިތުރުން ފީފާއިން ދޭ ބެސްޓް ފީފާ މެންސް ޕްލޭޔާ ވެސް ތިން ފަހަރު ހޯދާފައިވެ އެވެ.