ޑީޖޭއޭ

ޝަރުއީ ދާއިރާގެ އިދާރީ ވެރިޔާ ރިޒްނާގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށައިފި

Aug 29, 2024

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ފަށައިފި އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ރިޒްނާގެ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ފަށާފައިވީ ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ޖޭއެސްސީއަކުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ރިޒްނާގެ މައްސަލަތަކެއް ބަލަމުންދާކަން، އިތުބާރު ހިފޭ މަސްދަރުތަކުން ވަނީ ކަށަވަރު ކުރެވިފައެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ރިޒްނާ އައްޔަންކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2020 ވަނަ އަހަރު، އެމްޑީޕީގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތް ދުވަސްވަރު އެވެ. އޭރު ޖޭއެސްސީގައި އޮތީވެސް އޭރުގެ ސަރުކާރުގެ ބާރެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން، ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓެޓިވްގެ މަގާމު ރިޒްނާ ފުރުއްވި އެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ ރަޖިސްޓްރާކަމާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމުވެސް ރިޒްނާ ފުރުއްވި އެވެ.

ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސްވެރިއަކަށް ރިޒްނާ ހަމަ ހަމަޖެއްސީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް އެމްޑީޕީގެ ސާފު މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. ރިޒްނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ ފަސް އަހަރުގެ ޓާމަކަށެވެ.