ހަބަރު

ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓު އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި އެވެ.

އެޕްރޮގްރާމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސާ ހިސާން ހުސައިން ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދެވޭނީ ތަޖުރިބާއާއި ތަމްރީނު ލިބިގެން ކަމަށެވެ. އަދި ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މަސައްކަތަށް ގާބިލު ބަޔަކަށް ހެދުމަށް ޓަކައި ކުރިއަށް އޮތްތަނުގައި މަސައްކަތުގެ ދާއިރާއިން ލިބެންޖެހޭ ތަމްރީނާއި ތަޖުރިބާ ލިބިދެވޭނޭހެން ޕްލޭންކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެކަމަށެވެ.

މީގެ އިތުރުން، ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކޯޓަށް އަންނަ ކޮންމެ މީހަކާމެދު އިހުތިރާމާއި އަދަބުވެރިކަމާއެކު މުހާތަބުކުރާ ބަޔަކަށްވުމަށް ހިސާން އިލްތިމާސްކުރެއްވި އެވެ.

ޑީޖޭއޭއިން ބުނީ، 42 ބައިވެރިންނާއެކު، އިއްޔެއާއި މިއަދު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ބޭނުމަކީ ހުރިހާ ކޯޓެއްގައި ވެސް ކޯޓު އޮފިސަރުން އަމަލުކުރާ ގޮތް އެއްގޮތް ކުރުން ކަމަށެވެ. އަދި އަދުލުއިންސާފާ ހަމައަށް ވާސިލުވުމުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އެއްހަމައަކުން އެންމެންނާ މެދު އަމަލުކުރެވޭނެ ފަދައަކުން ހުރިހާ ކޯޓު އޮފިސަރުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ކަމާގުޅޭ މައުލޫމާތާއި ތަޖުރިބާތައް ހިއްސާކުރުން ކަމަށެވެ.